"ޓެނެޓް" މިއީ "އިންސެޕްޝަން" ގެ ދެވަނަ ބައެއްތަ؟

މީގެ ނުވަ އަހަރު ކުރިން، 2010 ވަނަ އަހަރު ނުކުތް ކްރިސްޓޮފަރ ނޮލަންގެ "އިންސެޕްޝަން" އަކީ ގިނަ ބައެއްގެ ސަމާލުކަމެއް ހޯދި ވަރަށް މަގުބޫލު ފިލްމެކެވެ. ފިލްމަށް މުޅިއެކު 828 މިލިއަން ޑޮލަރުގެ ފައިދާ ލިބުނު އިރު މި ފިލްމުގެ ދެވަނަ ބައެއް ހެދުމުން ތަރުހީބު ލިބޭނެ ކަމުގެ އެއްވެސް ޝައްކެއްނެތެވެ.

ފިލްމް "ޓެނެޓް" އާއި ބެހޭގޮތުން މާގިނަ މައުލޫމާތު ލިބިފައި ނުވާއިރު ފިލްމުގެ ޓީޒާ ޓްރައެލަރވެސް ފެނިފައިވަނީ ކްރިސްޓޮފަރ ނޮލަންގެ އެންމެ ފަހުގެ ފިލްމް "ފާސްޓް އެންޑް ފިއުރިއަސް: ހޮބްސް އެންޑް ޝޯ" ބެލުމަށް ސިނަމާތަކަށް ދިޔަ ފަރާތްތަކަށް އެކަންޏެވެ. މި ޓީޒާ އަދިވެސް އިންޓަނެޓްގައި އާންމެއް ނުކުރެއެވެ.

ޓީޒާ ބެލުމަށްފަހު، އެއީ "އިންސްޕްޝަން" ގެ ދެވަނަ ބައި ކަމަށް ޝައްކު ކުރަނީ ބެލުންތެރިންނެވެ. އެއްވެސް ފަރާތަކުން މިކަން އަދި ޔަގީންކޮށްދީފައެއް ނުވެއެވެ. ޓީޒާ ބެލި، ބެލުންތެރިން އެގޮތަށް ޝައްކުކުރަނީ "ޓެނެޓް" ގެ ޓީޒާ ޓްރެއިލާ އިން ފެނިގެންދިޔަ މަދު ސީންތަކާއި ލިޔުންތަކުން "އިންސެޕްޝަން" ގައި ފެނިގެންދިޔަ ކަންތަކާއި ވައްތަރުވުމުންނެވެ. "އިންސެޕްޝަން" އިން ފެނިގެންދިޔަ މައިކަލް ކޭން ވަނީ "ޓެނެޓް"ގެ ކާސްޓް މެމްބަރުން ތެރޭގައިވެސް ހިމެނިފައެވެ. ނަމަވެސް މައިކަލް އަކީ ކްރިސްޓޮފަރގެ ގިނަ ފިލްމުތަކުން ފެނިގެންދާ އެކްޓަރެއް ކަމުން މިކަމަށް ބިނާ ކޮށް އެއްޗެއް ބުނުން ދައްޗެވެ.

މި ފިލްމަށް "އިންސެޕްޝަން" އަށް ވުރެ ބޮޑު ބަޖެޓެއްވަނީ ކަނޑައެޅިފައެވެ. 224 މިލިއަން ޑޮލަރުގެ ބަޖެޓަކާއި އެކު އުފައްދާ ފިލްމް "ޓެނެޓް" ނެރުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.