ޒޯއާ ލޭގެ ޕްލަސްމާ ހަދިޔާކުރަނީ

ޒޯއާ ދެވަނަ ފަހަރަށް ލޭގެ ޕްލަސްމާ ހަދިޔާކޮށްފި

ކޮވިޑް-19 ޖެހި މިހާރު އެ ބަލިން ރަނގަޅުވެފައިވާ އިންޑިއާގެ އެކްޓްރެސް ޒޯއާ މޮރާނީ ދެވަނަ ފަހަރަށް ލޭގެ ޕްލަސްމާ ހަދިޔާކޮށްފިއެވެ.

ދެވަނަ ފަހަރަށް، ލޭގެ ޕްލަސްމާ ހަދިޔާކުރަމުން ނަގާފައިވާ ފޮޓޯއެއް، ޒޯއާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ފުރަތަމަ ފަހަރަށް ހަދިޔާކުރި ޕްލަސްމާގެ ސަބަބުން، އައިސީޔޫގައި އޮތް ބަލި މީހަކަށް އައިސީޔޫއިން ނެރެވޭ މިންވަރަށް ފަރުވާ ލިބުނު ކަމަށް ޒޯއާ ވަނީ ބުނެފައެވެ. ޒޯއާ ބުނީ ކޮވިޑް-19 ޖެހި ބަލިން ރަނގަޅުވެފައިވާ މީހުންވެސް ލޭ ހަދިޔާކުރުމަށް ޑޮކްޓަރުން އެދޭ ކަމަށެވެ.

ފުރަތަމަ ފަހަރަށް ޕްލަސްމާ ހަދިޔާކުރަމުން ޒޯއާ ބުނީ، ޕްލަސްމާ ދިރާސާތައް ހޮސްޕިޓަލުގައި ކުރެވެމުންދާ ކަމަށާއި ޑޮކްޓަރުން އެދިއްޖެ ނަމަ ދެވަނަ ފަހަރަށް ހަދިޔާކުރަން ތައްޔާރަށް ހުރި ކަމަށެވެ.

އިންޑިއަން އެކްސްޕްރެސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޒޯއާ ބުނީ އޭނާ ފުރަތަމަ ފަހަރަށް ހަދިޔާކުރި ލޭގެ ޕްލަސްމާގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. އައިސީޔޫ ވެންޓިލޭޓަރުގައި އޮތް މީހަކު ވެންޓިލޭޓަރުން ނަގައި، އައިސީޔޫއިން ނެރެވޭ ވަރަށް ފަރުވާ ލިބުނު ކަމަށް ޒޯއާ ވަނީ ބުނެފައެވެ. ދެވަނަ ފަހަރަށް ލޭ ހަދިޔާކުރީ، ހާލު ސީރިއަސް މީހަކަށް ވަރަށް އަވަހަށް ޕްލަސްމާ ބޭނުންވެގެން ޑޮކްޓަރުން އެދުމުން ކަމަށާއި އެ ބަލި މީހާއަށް އަވަސް ޝިފާއެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ޒޯއާ ވަނީ ބުނެފައެވެ.