ޑެނިއެލް ކްރެއިގް

ޖޭމްސް ބޮންޑްގެ ގޮތުގައި ކްރެއިގް އަލުން ފެނިދާނެ

ހޮލީވުޑްގެ އެކްޓަރު ޑެނިއެލް ކްރެއިގް، އަލުން ޖޭމްސް ބޮންޑްގެ ގޮތުގައި ފެނިގެން ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޖޭމްސް ބޮންޑް ފްރެންޗައިޒްގެ ކުރިއަށް އޮތް ފިލްމް، ނޯ ޓައިމް ޓު ޑައި" ޕްރޮމޯޓް ކުރަމުން އައިސްފައިވަނީ، މި ފިލްމަކީ ޖޭމްސް ބޮންޑްގެ ރޯލުން އެކްޓަރު ޑެނިއެލް ފެނިގެންދާނެ އެންމެ ފަހު ފިލްމް ކަމަށް ބުނެއެވެ. އުމުރުން 52 އަހަރުގެ ޑެނިއެލްވެސް ވަނީ މިއީ އޭނާ ޖޭމްސް ބޮންޑްގެ ރޯލު ކުޅޭނެ އެންމެ ފަހު ފިލްމް ކަމަށް މީގެ ކުރިން ބުނެފައެވެ.

މަސްދަރުތަކާއި ހަވާލާދީ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޖޭމްސް ބޮންޑްގެ ގޮތުގައި ހަވަނަ ފިލްމަކުން ކްރެއިގް އެނބުރި އައުން ގާތެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ރިލީޒްކުރި ޖޭމްސް ބޮންޑްގެ ފިލްމް، "ސްޕެކްޓްރާ" އަށްފަހު، ޖޭމްސް ބޮންޑްގެ ރޯލު ދެން ނުކުޅޭނެކަން ކްރެއިގް އިއުލާނުކުރިއެވެ. ނަމަވެސް "ނޯ ޓައިމް ޓު ޑައި" އިން ޖޭމްސް ބޮންޑްގެ ރޯލުން ކްރެއިގް އަލުން ފެނިގެންދާނެއެވެ.

މީގެ ކުރިން ހަމަޖެހިފައިވާ ގޮތުން ފިލްމް "ނޯ ޓައިމް ޓު ޑައި" ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް ކޮރޯނާ ވައިރަސް ފެތުރެމުންދާތީ މިހާރު މި ފިލްމް ރިލީޒްކުރުން ވަނީ މިއަހަރުގެ ނޮވެމްބަރު މަހަށް ފަސްކޮށްފައެވެ.