"ކިކް 2" އަށް އާ ފަންނާނެއްތަ؟
"ކިކް" ގެ ދެވަނަ ފިލްމުން ޖެކްލިން ފެނަންޑޭޒް އަދި ދީޕިކާ ޕަދުކޯންވެސް ނުފެންނާނެ ކަމަށް އަޑު ފެތުރިއްޖެއެވެ.
ދެހާސް ސާދަ ވަނަ އަހަރު ރިލީޒްކުރި "ކިކް" ގެ ފުރަތަމަ ފިލްމުން ސަލްމާން ހާނާއެކު ފެނިގެންގޮސްފައިވަނީ ޖެކްލިން ފެނަންޑޭޒެވެ.
"ކިކް 2" އުފެއްދުމަށް ނިންމާފައިވާކަން އެ ފިލްމް އުފައްދާ ފަރާތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިއުލާނުކުރުމާއެކު ފިލްމްގެ ފޭނުން އަދިވެސް ތިބީ އެ ފިލްމްގެ އިންތިޒާރުގައެވެ.
ފިލްމްގެ ދެވަނަ ބައިން ޖެކްލިން ނުފެންނާނެ ކަމަށާއި ސަލްމާން ހާނާއެކު "ކިކް 2" އިން ފެނިގެންދާނީ ދީިޕިކާ ޕަދުކޯން ކަމަށް މީގެ ކުރިން ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް ޖެކްލިން އަދި ދީޕިކާވެސް "ކިކް 2" އިން ނުފެންނާނެ ކަމަށް މިހާރު ވަނީ އަޑު ފެތުރިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ކިކް 2" އަކަށް ފިލްމްގެ ޕްރޮޑިއުސަރުން ނަގާނީ އެހެން ފަންނާނެކެވެ. ފިލްމްގެ ސްކްރިޕްޓްގެ މަސައްކަތް އަދި މުޅިން ނިމިފައިނުވެއެވެ.
"ކިކް" ގެ ޑައިރެކްޓަރު ސާޖިދު ނަދިއަދްވާލާ މީގެ ކުރިން ބުނެފައިވާ ގޮތުން "ކިކް 2" ގެ ސްކްރިޕްޓް ތަފާތުވާނެއެވެ. "ކިކް" ގެ ފުރަތަމަ ފިލްމަކީ ހަމަ އެނަމުގައި 2009 ވަނަ އަހަރު ރިލީޒްކުރި ތެލެގޫ ފިލްމެއްގެ ރިމެކިންއެކެވެ.