ކަންގަނާ

"ތަލައިވީ" ގެ ޑަބިންގެ މަސައްކަތް ކަންގަނާ ފަށައިފި

ފިލްމް "ތަލައިވީ" ގެ ޑަބިންގެ މަސައްކަތް ކަންގަނާ ރަނާވަތު ފަށައިފިއެވެ.

މި ފިލްމަކީ ޓެމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔަލަލީތާގެ ބައޮޕިކް ފިލްމެވެ. ފިލްމްގައި ކަންގަނާ ފެނިގެންދާނީ ޖަޔަލަލީތާގެ ރޯލުންނެވެ. ފިލްމްގައި ކަންގަނާ ކުޅޭ މަންޒަރުތައް މިހާރު ވަނީ ނަގާ ނިމިފައެވެ.

ޑަބިންގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރަމުން ކަންގަނާ ބުނީ ތަލައިވީގެ ޑަބިންގެ މަސައްކަތް، ޗުއްޓީއެއް ނެތި ކުރަމުންދާ ކަމަށެވެ. ޗުއްޓީއެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ބުނީ ޝަކުވާ ކުރުމުގެ ގޮތުން ނޫން ކަމަށްވެސް ކަންގަނާ ވަނީ ބުނެފައެވެ.

ފިލްމްގައި ޖަޔަލަލީތާގެ ރޯލަށް ކަންގަނާ ވަނީ ބަރުދަން އިތުރުކޮށްފައެވެ. ބަރުދަން އިތުރުކުރުމަށްފަހު، ބަރުދަން ލުއިކުރުމަކީ އުނދަގޫ ކަމެއް ކަމަށްވެސް ކަންގަނާ މީގެ ކުރިން ވަނީ ބުނެފައެވެ. ވިޖޭ ޑައިރެކްޓްކުރާ މި ފިލްމުން އަރުވިންދު ސުވާމީ، ޕްރަކާޝް ރާޖް، ޕޫރްނާ، އަދި މަދޫ ފެނިގެންދާނެއެވެ.