"ޖުރަސިކް ވޯލްޑް: ޑޮމިނިއޮން" ގެ ޕްރޮޑަކްޝަން ހުއްޓާލައިފި

މަޝްހޫރު ފިލްމް ފްރެންޗައިޒް "ޖުރަސިކް ޕާކް" ގެ ކުރިއަށް އޮތް ފިލްމް، "ޖުރަސިކް ވޯލްޑް: ޑޮމިނިއޮން" ގެ ޕްރޮޑަކްޝަން ހުއްޓާލައިފިއެވެ. މި ފިލްމްގެ މަސައްކަތް ހުއްޓާލީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެންނެވެ.

"ޖުރަސިކް ވޯލްޑް: ޑޮމިނިއޮން" ގެ ޝޫޓިން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ފިލްމްގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ ލަންޑަންގައެވެ. ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ފިލްމްގެ ޝޫޓިން މެދު ކަނޑާލީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ފިލްމް ޕްރޮޑިއުސްކުރާ ފަރާތުން ހާމަކުރި ގޮތުގައި، ފިލްމްގެ މަސައްކަތް މިވަގުތަށް މެދުކަނޑާލީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. މި ފިލްމް ރިލީޒްކުރަން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މިހާރު ފިލްމްގެ މަސައްކަތް ހުއްޓިފައިވާއިރު، އޭގެ ސަބަބުން ފިލްމް ރިލީޒްކުރާ ތާރީހަށް ބަދަލެއް އަންނާނެކަން ނުވަތަ ނޫންކަންވެސް، ފިލްމް އުފައްދާ ފަރާތުން އަދި ހާމައެއް ނުކުރެއެވެ.

މި ފިލްމުން ކްރިސް ޕްރެތާ، ބްރީޒް ޑަލަސް، ލައުރާ ޑާން، ސޭމް ނީލް އަދި ޖެފް ގޯލްޑްބްލަމް ފެނިގެންދާނެއެވެ.