"ޕީޓާ ރެބިޓް 2" ރިލީޒްކުރުން ފަސްކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، ފިލްމް "ޕީޓާ ރެބިޓް 2: ދަ ރަންއަވޭ" ރިލީޒްކުރުން ފަސްކޮށްފިއެވެ.

ޖޭމްސް ކޯޑެން އާއި މާގޯ ރޯބީ އަޑު އަޅައިދީފައިވާ މި ފިލްމް، އިނގިރޭސިވިލާތުގެ ސިނަމާތަކުގައި ރިލީޒްކުރަން މީގެ ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި އޭގެ ހަފުތާއެއް ފަހުން އެމެރިކާގައި ރިލީޒްކުރަން އޮތީ ހަމަޖެހިފައެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުއެވެ. މި ފިލްމް ރިލީޒްކުރުން ފަސްކޮށްފައިވާއިރު، އެޕްރީލް މަހު ރިލީޒްކުރަން އޮތް ޖޭމްސް ބޮންޑް ފިލްމް "ނޯ ޓައިމް ޓު ޑައި" ރިލީޒްކުރުން ވަނީ ނޮވެމްބަރު މަހަށް ފަސްކޮށްފައެވެ.

ޕީޓާ ރެބިޓްގެ ފުރަތަމަ ފިލްމް ރިލީޒްކުރީ 2018 ވަނަ އަހަރުއެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި 350 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

ވައިރަސް ފެތުރެމުންދިޔަ ނަމަވެސް، އެމެރިކާ އަދި އިނގިރޭސިވިލާތުގެ ސިނަމާތަކަށް މާބޮޑު އަސަރެއް އަދި ނުކުރާ ކަމަށް ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކުރެއެވެ. ނަމަވެސް ޖެނުއަރީ މަހުން ފެށިގެން ޗައިނާގެ 70000 ސިނަމާ ވަނީ ބަންދުކޮށްފައެވެ.