މިޝަން އިމްޕޮސިބަލް ސީރީޒްގެ ފިލްމެއްގެ މަންޒަރެއް

ކޮރޯނާ ވައިރަސްގެ ސަބަބުން "މިޝަން އިމްޕޮސިބަލް 7" ހުއްޓުމަކަށް

އިޓަލީގައި ޝޫޓް ކުރަމުންދިޔަ ފިލްމް، "މިޝަން އިމްޕޮސިބަލް 7" ގެ މަސައްކަތްތައް ހުއްޓާލައިފިއެވެ. ފިލްމްގެ މަސައްކަތްތައް ހުއްޓާލީ އިޓަލީގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީއެވެ.

ޕެރަމައުންޓް ޕިކްޗާސް އިން ގެނެސްދޭ މި ފިލްމްގެ ޝޫޓިން، އިޓަލީގެ ވެނިސްގައި ތިން ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް އޮތީ ހަމަޖެހިފައެވެ.

އިޓަލީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޝޫޓިންތައް ހުއްޓާލީ، ކާސްޓުންނާއި ކްރޫންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށް ފިލްމް އުފައްދާ ކުންފުނިން ވަނީ ބުނެފައެވެ.

ވައިރަސް ފެތުރެމުންދާތީ އާންމުން ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށް ވެނީސްގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވާކަންވެސް ޕެރަމައުންޓް ޕިކްޗާސް އިން ވަނީ ފާހަގަކޮށްފައެވެ.

ފިލްމްގެ ބައެއް ކްރޫން އިޓަލީގައި އުޅޭއިރު، އެ މީހުންނަށް އަނބުރާ ގައުމަށް އާދެވޭނެ ކަމަށް ޕްރޮޑަކްޝަން ކުންފުނިން ވަނީ ބުނެފައެވެ.

"މިޝަން އިމްޕޮސިބަލް 7" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

އިޓަލީ އިން މިހާތަނަށް 229 މީހެއް ވަނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.