ޖޭމްސް ބޮންޑްގެ ފިލްމް ފަސްކޮށްދޭން ފޭނުން އެދެނީ

ކޮރޯނާ ވައިރަސްގެ ބިރަށް، ޖޭމްސް ބޮންޑް ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމް "ނޯ ޓައިމް ޓު ޑައި" ފަސްކުރުމަށް ފިލްމްގެ ފޭނުން އެދެން ފަށައިފިއެވެ.

ޗައިނާއިން ފެތުރެން ފެށި ކޮރޯނާ ވައިރަސް މިހާތަނަށް ވަނީ 60 އަށްވުރެ ގިނަ ގައުމަށް ފެތުރިފައެވެ. ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިޓަލީ، ދެކުނު ކޮރެއާ އަދި އީރާން ހިމެނެއެވެ.

ޕްރޮޑިއުސަރުންގެ ކިބައިން، ފިލްމްގެ ފޭނުން ވަނީ ފިލްމް ރިލީޒްކުރުން ފަސްކޮށްދިނުމަށާއި އާންމުންގެ ސިއްހަތަށް އިސްކަން ދިނުމަށް އެދިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފިލްމްގެ ފޭނުންނާއި އެ މީހުންގެ އާއިލާއަށްވުރެ ފިލްމް "މުހިންމު" ނުވާނެ ކަމަށްވެސް އެ މީހުން ދަނީ ބުނަމުންނެވެ.

ފިލްމް "ނޯ ޓައިމް ޓު ޑައި" އަކީ ޖޭމްސް ބޮންޑްގެ ރޯލުން އެކްޓަރު ޑެނިއެލް ކްރެއިގް ފެނިގެންދާނެ ފަހު ފިލްމެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމް އިނގިރޭސިވިލާތުގައި ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ. އަދި އުތުރު އެމެރިކާގައި މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.