ކޮރޯނާ ވައިރަސްގެ އަސަރު "މުލާން" އަށް ކޮށްފާނެ
މިމަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ޑިޒްނީގެ ލައިވް އެކްޝަން ފިލްމް "މުލާން" އަށް، ކޮރޯނާވައިރަސްގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ބެލެވެން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން "މުލާން" ގެ ލައިވް އެކްޝަން ފިލްމް އުފެއްދުމަށް ޑިޒްނީ އިން 200 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރިއެވެ. މިއީ ޑިޒްނީ އިން އެންމެ ބޮޑު ހޭދައެއްކޮށްގެން އުފައްދާ އެއް ލައިވް އެކްޝަން ފިލްމެވެ.
މި ފިލްމް މިމަހުގެ 27 ވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، ޗައިނާގައި މި ފިލްމް ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ. ޗައިނާގައި ފިލްމް ރިލީޒްކުރުން ފަސްކުރީ އެގައުމުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީއެވެ.
ފިލްމް "މުލާން" އަކީ ޗައިނާގެ ސަގާފަތާއި އާދަކާދަތަކާއި ގުޅިފައިވާ ފިލްމަކަށްވާތީ މި ފިލްމަށް ޗައިނާއިން ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް އޮތީ ބެލެވިފައެވެ.
ތާރީޙަށް ބަލައިލާއިރު، ޑިޒްނީގެ ފިލްމްތަކަށް ޗައިނާގައި މާބޮޑު ތަރުހީބެއް ލިބިފައިނުވެއެވެ. އެގޮތުން ޑިޒްނީގެ ލައިވް އެކްޝަން ފިލްމް "އަލައްދިން" އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.1 ބިލިއަން ޑޮލަރު ލިބުނެވެ. ނަމަވެސް ޗައިނާއިން މި ފިލްމަށް ލިބުނީ 54 މިލިއަން ޑޮލަރެވެ. ޑިޒްނީގެ ލައިވް އެކްޝަން ފިލްމް "ބިއުޓީ އެންޑް ދަ ބީސްޓް" އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.2 ބިލިއަން ޑޮލަރު ލިބުނުއިރު، ޗައިނާއިން މި ފިލްމަށް ލިބުނީ 84 މިލިއަން ޑޮލަރެވެ.