"އެވެޓާ 2" ގެ މަސައްކަތް މި އަހަރަށް ނިންމާލައިފި

ޖޭމްސް ކެމެރޮންގެ ފިލްމް "އެވެޓާ 2" ގެ މަސައްކަތް މި އަހަރަށް ނިންމާލައިފިއެވެ.

ފިލްމްގެ ޝޫޓިން ކުރިއަށްދާ ސެޓްގެ ފޮޓޯއެއް ހިއްސާކޮށް "އެވެޓާ" ގެ ރަސްމީ ޓްވިޓާ އިން ކުރި ޓްވީޓެއްގައި ވަނީ، މިއަހަރަށް ފިލްމްގެ މަސައްކަތް ނިންމާލިކަން ހާމަކޮށްފައެވެ.

އިންސާނުންނާ ވައްތަރުކޮށް ތިބޭ މަހުލޫގުންތަކެއްގެ އާދަޔާހިލާފު ދުނިޔޭގެ ވާހަކަ ކިޔައިދޭ ފިލްމް "އެވެޓާ" ގެ ފުރަތަމަ ބައި ރިލީޒްކުރީ 2009 ވަނަ އަހަރުއެވެ. "އެވެޓާ 2" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.

"އެވެޓާ 3" އާއި "އެވެޓާ 4" އުފެއްދުމަށް މިހާރު ވަނީ ނިންމާފައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން "އެވެޓާ 3" ރިލީޒްކުރާނީ 2023 ވަނަ އަހަރުއެވެ. "އެވެޓާ 4" ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުއެވެ.