"ބްލެކް ވިޑޯ" ރިލީޒްކުރާ ތާރީހަށް އަދި ބަދަލެއް ނުގެންނަން: ބޮބް

ފިލްމް "ބްލެކް ވިޑޯ" ރިލީޒްކުރާ ތާރީހަށް އަދި ބަދަލެއް ނުގެންނަ ކަމަށް ޑިޒްނީގެ ސީއީއޯ ބޮބް ޗަޕެކް ބުނެފިއެވެ.

މި ފިލްމްގައި ބްލެކް ވިޑޯގެ ރޯލުން ފެނިގެންދާނީ ބަތަލާ ސްކާލެޓް ޖޮހަންސަންއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ސިނަމާތަކުގައެވެ. ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މޭ މަހުގެ ހަތް ވަނަ ދުވަހުއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން، މި ފިލްމް ސްޓްރީމިން ޕްލެޓްފޯމެއްގައި ރިލީޒްކުރަން އުޅޭ ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް ބޮބް ވަނީ އެފަދަ ވިސްނުމެއް ނެތް ކަމަށް ކުރިންވެސް ބުނެފައެވެ.

ބޮބް ބުނި ގޮތުގައި ވިސްނުން އަދިވެސް ހުރީ ފިލްމް ސިނަމާގައި ރިލީޒްކުރުމަށެވެ. ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި ހާލަތާއި ގުޅިގެން އެއްވެސް ކަމަކަށް ބަދަލެއް ގެންނަން ޖެހޭތޯ ބަލަމުންދާ ކަމަށް ބޮބް ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ހޮލީވުޑް އަދި ބޮލީވުޑްގެ ގިނަ ފިލްމްތަކެއް ރިލީޒްކުރުން ފަސްކުރިއެވެ. ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެއްސި ބައެއް ފިލްމްތައް ސްޓްރީމިން ޕްލެޓްފޯމްތަކުގައި ރިލީޒްކުރިއެވެ.