"ބްލެކް ވިޑޯ" ރިލީޒްކުރުން ފަސްކޮށްފި

ވޯލްޓް ޑިޒްނީގެ ދަށުން ހިންގާ މާވެލް ސްޓޫޑިއޯސްގެ ފިލްމް "ބްލެކް ވިޑޯ" ރިލީޒްކުރުން ފަސްކޮށްފިއެވެ.

މީގެ ކުރިންވެސް މި ފިލްމް ރިލީޒްކުރާ ތާރީހު ފަސްކޮށްފައިވެއެވެ. އެ ގޮތުން މިއަހަރުގެ މޭ މަހުގެ ހަތްވަނަ ދުވަހު ރިލީޒްކުރަން ހަމަޖެއްސުމަށްފަހު އަނެއްކާވެސް މި ވަނީ ފިލްމް ރިލީޒް ކުރާ ތާރީހު ފަސްކޮށްފައެވެ.

ފިލްމް ރިލީޒްކުރާ ތާރީހަށް ގެނެވުނު ބަދަލާއެކު، މިހާރު މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ކަމަށް މާވެލް ސްޓޫޑިއޯސްއިން ވަނީ ބުނެފައެވެ.

މާވެލް ސްޓޫޑިއޯސްއިން ހާމަކުރި ގޮތުގައި މި ފިލްމް ސިނަމާތަކުގައި ރިލީޒްކުރާނެއެވެ. އޭގެ އިތުރުން ޑިޒްނީ ޕްލަސްގެ ޕްރިމިއާ އެކްސެސްއާއެކު، އެޕްލިކޭޝަނުން ފިލްމް ބަލައިލެވޭނެއެވެ. މިކަމަށް އިތުރު ފީ އެއް ނަގާނެއެވެ.

މި ފިލްމްގައި ބްލެކް ވިޑޯގެ ރޯލުން ފެނިގެންދާނީ ސްކާލެޓް ޖޮހަންސަންއެވެ. ކޭޓް ޝޯޓްލޭންޑް ޑައިރެކްޓްކުރާ މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އެކްޓަރު ޑޭވިޑް ހާބާ އާއި އިންގްލެންޑަށް އުފަން އުމުރުން 25 އަހަރުގެ ބަތަލާ ފްލޯރެންސް ހިމެނެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން، މި ފިލްމް ސްޓްރީމިން ޕްލެޓްފޯމެއްގައި ރިލީޒްކުރަން އުޅޭ ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް ޑިޒްނީގެ ސީއީއޯ ބޮބް ޗަޕެކް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބުނެފައިވަނީ ފިލްމް ސްޓްރީމް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.