"ބްލެކް ވިޑޯ" ރިލީޒްކުރުމުގެ ވިސްނުން ހުރީ ސިނަމާގައި: ބޮބް

ފިލްމް "ބްލެކް ވިޑޯ" ރިލީޒްކުރުމުގެ ވިސްނުން އަދިވެސް ހުރީ ސިނަމާގައި ކަމަށް ޑިޒްނީގެ ސީއީއޯ ބޮބް ޗަޕެކް ބުނެފިއެވެ.

މާވެލް ސްޓޫޑިއޯސްގެ މި ޕްރޮޖެކްޓްގައި ބްލެކް ވިޑޯގެ ރޯލުން ފެނިގެންދާނީ އެކްޓްރެސް ސްކާލެޓް ޖޮހަންސަންއެވެ. މި ފިލްމް ސްޓްރީމް ކުރަން އުޅޭކަމުގެ އަޑު ފެތުރު ނަމަވެސް ބޮބް ބުނީ އެފަދަ ވިސްނުމެއް ނެތް ކަމަށެވެ. ބޮބް ބުނީ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި ބަދަލު ގެންނަން ޖެހޭތޯ ބަލާނެ ކަމަށެވެ.

ބްލެކް ވިޑޯ އަކީ މިދިޔަ އަހަރު ރިލީޒްކުރަން އޮތް ފިލްމެކެވެ. ނަމަވެސް ފިލްމް ރިލީޒްކުރުން ފަސްކުރީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މޭ މަހުގެ ހަތްވަނަ ދުވަހުއެވެ.