"ސުޕާރ 30" އަކީ ރިތިކް ރޯޝަންގެ އެނބުރި އައުންބާ؟
ފާއިތުވެދިޔަ 10 އަހަރު ދުވަސް ތެރޭގައި ރިތިކް ރޯޝަން ފެނިގެންގޮސްފައިވަނީ އެންމެ ހަ ފިލްމުންނެވެ. އަދި އެއީވެސް އެހާ ރަނގަޅު ފިލްމުތަކަކަށް ނުވާއިރު ރިތިކްގެ ކުރީގެ މަޝްހޫރުކަންވަނީ މިހާރު ފަނޑުވެގެން ގޮސްފައެވެ. "ސުޕާރ 30" އަކީ ރިތިކްގެ އެންމެ ފަހުގެ ފިލްމެވެ. މި ފިލްމަށް މިހާތަނަށް ލިބިފައިވަނީ މުޅިންވެސް ރަނގަޅު ފާޑުކިޔުމެވެ.
އެންމެފަހުން ރިތިކްގެ ރަނގަޅު އެކްޓިންގ އެއް ފެނިފައިވަނީ "ޒިންދަގީ ނާ މިލޭނގޭ ދޮބާރާ" އިންނެވެ. އަދި "އަގްނީޕަތް" އިން ރިތިކްގެ ރޯލު ވަނީ އެހެން ފަންނާނުންގެ ސަބަބުން ކުޑަ ރޯލަކަށްވެފައެވެ. ނަމަވެސް ރިތިކްގެ އެކްޓިން މި ފިލްމުން ފާހަގަ ކުރެވެއެވެ. ރިތިކްގެ ފަހުގެ ފިލްމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެފިލްމަކީ މިއެވެ.
"ބޭންގް ބޭންގް" ގައި ރިތިކްގެ ރީތިކަން ފެނިފައިވެސް މީހުން ސިނަމާތަކަށް ދާވަރުވިއެވެ. ނަމަވެސް ފިލްމުވީ ބެލުންތެރިންނަށް ދޯކާ އަކަށެވެ. "މޮހެންޖޯ ޑާރޯ" ކިޔާ ފިލްމެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ މިއީވެސް ރިތިކްގެ އެކްޓިން ފެނިގެން ދިޔަ ފިލްމެކެވެ. ނަމަވެސް މި ފިލްމުވެސް ނިމިގެންދިޔައީ ވަރަށް ނާކާމިޔާބު ފިލްމެއްގޮތުގައެވެ.
ދެން "ސުޕާރ 30" އާއި ބެހޭ ގޮތުން ކުޑަކޮށް ވާހަކަ ދައްކަމާ ހިނގާށެވެ. މިއީ ވިކާސް ބާލް ޑައިރެކްޓްކުރި ފިލްމެކެވެ. "ސުޕާރ 30" އަކީ ހިސާބު ޓީޗަރެއްގެ ހަޔާތައް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. ރިތިކްގެ ކެރެކްޓާ ކަމަށް ވާ އަނަންދް ކުމާރްއަކީ ކިޔެވުމަށް ދަތިކަން ހުންނަ ކުދިންނަށް އައި.އިއި.ޓީ ޓެސްޓަށް ތައްޔާރުކޮށްދޭތަން ދައްކުވައިދެއެވެ.
ފަރަހް ޚާން ފަދަ މަޝްހޫރު ފަންނާނުން މި ފިލްމު ބެލުމަށްފަހު ޓްވިޓާރގައި ރިތިކް ރޯޝަން އަށް ތައުރީފުކޮށްފައިވެއެވެ.
ވީމާ މި ފިލްމުން ރިތިކްއަށް ބޮޑު ކާމިޔާބީއެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.