"އެވަޓާ 2" ގެ ކްރޫން އައިސޮލޭޝަނަށް

ފިލްމް "އެވަޓާ 2" ގެ މަސައްކަތަށް، އެ ފިލްމްގެ ކްރޫން ނިއު ޒީލޭންޑަށް ދިއުމުން އައިސޮލޭޝަނަށް ދާން ޖެހިއްޖެއެވެ.

ޑައިރެކްޓަރު ޖޭމްސް ކެމަރޫން ހިމެނޭ ގޮތަށް 54 މެންބަރުންގެ ފިލްމް ކްރޫ، ނިއު ޒީލޭންޑަށް ދަތުރުކުރީ ޗާޓަރު ފްލައިޓެއްގައެވެ. ނިއު ޒީލޭންޑްގެ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ފިލްމްގެ ކްރޫން މިހާރު ވަނީ އައިސޮލޭޓްކޮށްފައެވެ. ޖޭމްސް ކެމަރޫން ބުނީ "އެވަޓާ" ގެ މަސައްކަތަށް އެނބުރި ދާން ބޭނުންވާ ކަމަށާއި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގައި އެކަން ކުރުމުގެ ހުއްދަ އަދި ނެތް ކަމަށެވެ.

ފިލްމްގެ ޕްރޮޑިއުސަރެއް ކަމުގައިވާ ޖޮން ލެންޑޯ، އޭނާގެ އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއަކާއެކު ބުނީ ނިއު ޒީލޭންޑަށް އާދެވިފައިވާ ކަމަށާއި ސަރުކާރުގެ ބެލުމުގެ ދަށުން 14 ދުވަހުގެ ސެލްފް-އައިސޮލޭޝަން ފެށިފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ފިލްމް "އެވަޓާ 2" ގެ މަސައްކަތް ހުއްޓާލީ މާޗް މަހުގެ ތެރޭގައެވެ. ކޮވިޑް-19 ގެ ހާލަތުގައި ފިލްމްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލެއް ނިއު ޒީލޭންޑްގެ ސަރުކާރުން ވަނީ އާންމުކޮށްފައެވެ. ފިލްމް "އެވަޓާ 2" ވެގެން ދާނީ ކޮވިޑް-19 ގެ ހާލަތުގައި ނިއު ޒީލޭންޑް ސަރުކާރުން ހަދާފައިވާ އުސޫލުގެ ދަށުން އެގައުމުގައި މަސައްކަތް ކުރިއަށް ގެންދާ އެ ގައުމުން ބޭރުގެ ފުރަތަމަ ފިލްމަށެވެ.

މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ސޭމް ވޯތިންޓަން، ކޭޓް ވިންސްލެޓް، ޒޯއީ ސަލްޑަނާ، ސްޓެފެން ލޭންގް، އަދި ކްލިފް ކާޓިސް ހިމެނެއެވެ.