"އެވެންޖާސް: އެންޑްގޭމް" އާއި "އެވެޓާ" އާ ދެމެދު 7 މިލިއަން ޑޮލަރުގެ ތަފާތެއް

ޝައްކެތްވެސް ނެތް ގޮތުގައި، "އެވެންޖާސް: އެންޑްގޭމް" އަކީ މި އަހަރު ނިކުތް އެންމެ ބޮޑު ފިލްމެވެ. 2008 ވަނަ އަހަރު "އަޔަން މޭން" އިން ފެށުނު ވާހަކަތަކަށް ނިމުމެއް ގެނެސްދިން 22 ފިލްމާއި، މި ފިލްމްތަކުން ފެނުނު ހުރިހާ ކެރެކްޓާތަކެއް ފެނިގެން ދިޔަ ފިލްމެކެވެ. ބްލެކް ވިޑޯ އަދި އަޔަން މޭން ފަދަ މުހިންމު ކެރެކްޓާތަކަށް މި ފިލްމުން އަލްވަދާއު ކިޔަން ޖެހުނެވެ.

ކިތަންމެ ހިތާމަކޮށް ކަރުނަ އަޅަން ޖެހުނު ސީންތަކެއް މި ފިލްމުގައި އައިކަމުގައި ވިޔަސް، ފިލްމްގައި ގިނައީ ހީ ސަމާސާކުރާ ކަހަލަ ސީންތަކެވެ. އަދި ނުކުންނަން އެއްވެސް މަގެއްނެތް ކަހަލަ ކަންތައްތަކުން ސަލާމަތް ކަން ހޯދަމުން، ޑިޕްރެޝަން ފަދަ ދުނިޔަވީ މައްސަލަތަކަށްވެސް މި ފިލްމުން ވަނީ ބަލާލާފައެވެ.

މި ހުރިހާ ސަބަބެއް މެދުވެރިވެގެން ގިނަ ބަޔަކު އުއްމީދު ކުރީ ބޮކްސް އޮފީހުގައި 10 އަހަރުވަންދެން ރަސްކަން ކުރަމުންދާ "އަވަޓާރ" ވައްޓާލާނެ ފިލްމަކަށް މި ފިލްމު ވާނެ ކަމަށެވެ. އެޕްރިލް 22 ވަނަ ދުވަހު ރިލީސް ކުރި "އެވެންޖާސް: އެންޑްގޭމް" އަދިވެސް ދަނީ ބޮކްސް އޮފީހުގެ އެއްވަނަ ހޯދުމަށް ފިރުކެމުންނެވެ.

"ސްޕައިޑަރމޭން: ފާ ފްރޮމް ހޯމް" ޕްރޮމޯޓް ކުރުމުގެ ނަމުގައި "އެވެންޖާސް އެންޑްގޭމް" ވަނީ ބައެއް ސީންތައް އިތުރުކޮށް ފިލްމް ރި-ރިލީޒްކޮށްފައެވެ. މިހާރު މި ފިލްމްގެ އާމްދަނީއަކީ 2.78 ބިލިއަން ޑޮލަރެވެ. "އެވެޓާ" ގެ އާމްދަނީއަކީ 2.788 ބިލިއަން ޑޮލަރެވެ. މިއީ 7.16 މިލިއަން ޑޮލަރުގެ ތަފާތެކެވެ.

"އެވެޓާ" މިހާ ބޮޑު ކާމިޔާބީއެއް ހޯދުމުގެ ސިއްރަކީ ކޮބާ ހެއްޔެވެ؟ "އެވެޓާ" އަކީ އެންމެ ފުރަތަމަ 3ޑީ ކޮށް ނެރުނު ފިލްމަށްވެފައި އައިމެކްސް ސިނަމާތަކަށް ގެނައި އެންމެ ފުރަތަމަ ފިލްމުގެ ސަބަބުން ބެލުންތެރިންނަށް މި ތަޖުރިބާވީ ވަރަށްވެސް އާ ކަމަކަށެވެ. އަދި އެންމެ ފުރަތަމަ 3ޑީ ޓިކެޓްގެ އަގުވެސް ވަރަށް ބޮޑެވެ. ޖޭމްސް ކެމަރަން ޑައިރެކްޓްކުރި މި ފިލްމް، ބޮޑު އަގު ދީފައި ނަމަވެސް ބައެއް މީހުން ވަނީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ބަލާފައެވެ.

"އެވެންޖާސް: އެންޑްގޭމް" އާއި "އެވެޓާ" އަކީވެސް ހިޔާލީ ދުނިޔެއެއްގެ މައްޗަށް ބިނާކޮށްފައިވާ ވާހަކަތަކެކެވެ.