"އެވެޓާ 2" ގެ ފަސްޓް ލުކް ދައްކާލައިފި

ޖޭމްސް ކެމަރޫން ޑައިރެކްޓްކޮށް 2009 ވަނަ އަހަރު ގެނެސްދިން "އެވެޓާ" އަކީ ބެލުންތެރިންގެ މަގުބޫލުކަން ލިބުނު ކާމިޔާބު ފިލްމެކެވެ. ބެލުންތެރިން މިހާރު އިންތިޒާރު ކުރަމުން ދަނީ "އެވެޓާ" ގެ ސީކުއެލް އަށެވެ.

"އެވެޓާ" ގެ ރަސްމީ ޓްވިޓާ އެކައުންޓުން މިވަނީ ސީކުއެލް ފިލްމްގެ މަންޒަރުތަކެއް ދައްކާލާފައެވެ. ފޮޓޯތައް ހިއްސާކުރަމުން ކުރި ޓްވީޓްގައި ބުނެފައިވަނީ އެވެޓާގެ ދުނިޔެއިން އާ ކަންތައްތަކެއް ސީކުއެލް ފިލްމުން ފެނިގެންދާނެ ކަމަށެވެ.

މީގެ 11 އަހަރު ކުރިން، 2009 ވަނަ އަހަރު ރިލީޒްކުރި "އެވެޓާ" ވަނީ ބޮކްސް އޮފީހުގައި ގިނަ ރެކޯޑްތަކެއް ގާއިމުކޮށްފައެވެ. ދުނިޔޭގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "އެވެންޖާސް: އެންޑްގޭމް" ވުމާއި ހަމައަށް އެ މަގާމުގައި އޮތީ "އެވެޓާ" އެވެ.

"އެވެޓާ 2" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. "އެވެޓާ" ގެ ސީކުއެލް އިތުރު ފިލްމްތަކެއް 2023، 2025 އަދި 2027 ވަނަ އަހަރު ރިލީޒްކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.