ފިލްމްގެ ސެޓްގެ މަންޒަރެއް

"އެވަޓާ 2" ގެ މަސައްކަތް އަލުން ފަށަށް ތައްޔާރުވެއްޖެ

ކޮވިޑް-19 އާ ގުޅިގެން މަސައްކަތް މެދުކެނޑިފައިވާ، ޖޭމްސް ކެމަރޫންގެ ފިލްމް "އެވަޓާ 2" ގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފިލްމްގެ ޕްރޮޑިއުސަރެއް ކަމުގައިވާ ޖޮން ލެންޑޯ، އޭނާގެ އިންސްޓަގްރާމްގައި ވަނީ ފިލްމްގެ ސެޓްގެ ފޮޓޯއަކާއި ބައެއް ކާސްޓުންގެ ފޮޓޯތައް ހިއްސާކޮށްފައެވެ. އަންނަ ހަފުތާގައި ފިލްމްގެ ޝޫޓިން ނިއުޒީލޭންޑްގައި ފެށޭނެ ކަމަށް ޖޮން ލެންޑޯ ވަނީ ބުނެފައެވެ.

ޖޮން ލެންޑޯ އިންސްޓަގްރާމްގައި ހިއްސާކުރި އެއް ފޮޓޯއިން ފެންނަނީ ބޯޓެއްގެ ސިފައިގައިވާ އުޅަނދެކެވެ. ފިލްމްގެ ސެޓްގައި ބަޔަކު ފެނު އަޑީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އަކާއި ކާސްޓުންގެ ފޮޓޯއެއްވެސް ޖޮން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެއެވެ.

އެގޮތުން ޒޯއީ ސަލްޑަނާ، ސޭމް ވޯތިންޓަން، ކޭޓް ވިންސްލެޓް އަދި ކްލިފް ކާޓިސްގެ ފެނިގެންދާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.