ފިލްމްގެ ޕޯސްޓަރު

ޑިޒްނީ އާއި ޕިކްސާ އިން ގެނެސްދެނީ "ލައިޓްއިޔާ"

ވޯލްޓް ޑިޒްނީ އާއި ޕިކްސާ އެނިމޭޝަން ސްޓޫޑިއޯސްގެ "ޓޯއީ ސްޓޯރީ" ފްރެންޗައިޒަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ފްރެންޗައިޒެކެވެ. އެ ފްރެންޗައިޒްގެ "ބަޒް ލައިޓްއިޔާ" ކެރެކްޓާގެ ވާހަކަ ކިޔައިދޭ ފިލްމް، "ލައިޓްއިޔާ" ގެ މަސައްކަތް ޑިޒްނީ އާއި ޕިކްސާ އިން މިހާރު ވަނީ ފަށާފައެވެ.

"ޓޯއީ ސްޓޯރީ" ފްރެންޗައިޒްގެ ހަތަރު ފިލްމްގައިވެސް ބަޒްގެ ކެރެކްޓާއަށް އަޑުއަޅާފައިވަނީ ޓިމް އެލަންއެވެ. ނަމަވެސް ބަޒް ލައިޓްއިޔާގެ އޮރިޖިނަލް ވާހަކަ ކިޔައިދޭ "ލައިޓްއިޔާ" ފިލްމްގައި ބަޒްގެ ކެރެކްޓާއަށް އަޑުއަޅާނީ ކްރިސް އިވާންސް އެވެ.

ކްރިސް އިވާންސް ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، ޕިކްސާއާއެކު މަސައްކަތްކުރުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށްވުމެވެ. އިވާންސް އިތުރަށް ބުނީ، އެލަން އަކީ ބަޒް ލައިޓްއިޔާ ކަމަށާއި ޓިމް ދެއްކި ހުނަރު އެހެން މީހަކަށް ނުދެއްކޭނެ ކަމަށެވެ. "ޓޯއީ ސްޓޯރީ" އަދި "ލައިޓްއިޔާ" ގައި ފެނިގެންދަނީ މުޅިން ތަފާތު ދެ ކެރެކްޓާ ކަމަށް އިވާންސް ވަނީ ބުނެފައެވެ.

"ލައިޓްއިޔާ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.