ފަރާ ހާން

ވޯކް އައުޓް ވީޑިއޯތައް އާންމުކުރާތީ ފަރާ ހިތްހަމަ ނުޖެހިއްޖެ

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށްފައިވާއިރު، އެގައުމުގެ ބައެއް މަޝްހޫރު ފަންނާނުން ގޭގައި ތިބެގެން ކަސްރަތުކުރާ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރާތީ، އިންޑިއާގެ ފިލްމް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފަރާ ހާން ހިތްހަމަ ނުޖެހިއްޖެއެވެ.

ފަރާ ހާން އޭނާގެ ޓްވިޓާ އަދި އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އާންމުކުރި ވީޑިއޯކޮޅެއްގައި ވަނީ ވޯކް އައުޓް ވީޑިއޯތައް އާންމުކުރުން ހުއްޓާލުމަށް "ސެލެބްރިޓީންނާއި ސްޓާރުން"ގެ ކިބައިން އެދިފައެވެ.

ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާއިރު އެފަދަ ފަރާތްތަކުގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަން އެނގޭ ކަމަށާއި އެ މީހުންގެ ސަމާލުކަން ހުރީ އަމިއްލަ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ކަމަށް ފަރާ ވަނީ ބުނެފައެވެ. ވޯކް އައުޓް ވީޑިއޯ އާންމުކުރުން ހުއްޓާ ނުލެވޭނަމަ، އަންފޮލޯ ކުރަން ޖެހިދާނެ ކަމަށާއި އެކަމާ ހިތާމަ ނުކުރުމަށް ފަރާ ވަނީ އެދިފައެވެ.

ކޮވިޑް-19 އާ ގުޅިގެން، އިންޑިއާގައި ފިލްމް ޝޫޓިންގެ މަސައްކަތްތައް ވަނީ މަޑު ޖައްސާލާފައެވެ. އަދި ބައެއް ފިލްްމްތައް ރިލީޒްކުރުންވެސް ވަނީ ފަސްކޮށްފައެވެ.