"ސައްތޭ ޕޭ ސައްތާ" އަށް ރިތިކް އާއި ދީޕިކާ؟
މީގެ 37 އަހަރު ކުރިން، 1982 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކް ފިލްމެއް އުފެއްދުމަށް ތައްޔާރުވަމުންދާއިރު ރިމޭކް ފިލްމްގެ ލީޑް ރޯލުން ފެނިގެންދާނީ ރިތިކް ރޯޝަން އާއި ދީޕިކާ ޕަދުކޯން ކަމަށް އަޑު ފެތުރިއްޖެއެވެ.
"ސައްތޭ ޕޭ ސައްތާ" ގެ ރިމޭކްއަކީ ރޯހިތު ޝެޓީގެ ފިލްމް ކުންފުންޏަށް ފަރާ ހާން ޑައިރެކްޓްކޮށްދޭ ފިލްމެކެވެ. އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ރޯހިތު އާއި ފަރާ ހާންވެސް ބޭނުންވީ ފިލްމްގެ ލީޑް އެކްޓްރެސްގެ ރޯލަށް ދީޕިކާ ހަމަޖެއްސުމަށެވެ.
މީގެ 37 އަހަރު ކުރިން، ރިލީޒްކުރި "ސައްތޭ ޕޭ ސައްތާ" ގެ ލީޑް ރޯލު ކުޅެފައިވަނީ އަމީތާބް ބައްޗަން އާއި ހެމާ މާލިނީއެވެ. ފިލްމްގައި އަމީތާބު ކުޅެފައިވަނީ ރަވީ އާނަންދް ނަމަކަށް ކިޔާ މީހެއްގެ ރޯލެވެ. ފިލްމްގައި އަމީތާބާއި ހެމާ ފެނިގެން ގޮސްފައިވަނީ ދެމަފިރިންގެ ގޮތުގައެވެ.
ރިމޭކް ފިލްމްގައި ރަވީ އާނަންދްގެ ރޯލުން ފެނިގެންދާނީ ރިތިކް ރޯޝަނެވެ. އަދި ފިލްމްގައި ރިތިކް އާއި ދީޕިކާ ފެނިގެންދާނީ ދެމަފިރިންގެ ގޮތުގައެވެ.
ރިމޭކް ފިލްމް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، މި ފިލްމް ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.