ފިލްމް ކާބިލްގެ ޕޯސްޓަރެއް

ފިލްމް ކާބިލް ޗައިނާގައި ރިލީޒް ކުރަނީ

ރިތިކް ރޯޝަން ލީޑް ރޯލް ކުޅެފައިވާ ފިލްމް "ކާބިލް" ޗައިނާގައި ރިލީޒް ކުރުމަށް ނިންމައިފިއެވެ.

ޗައިނާގައި މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. ޗައިނާގެ 15،000 ސިނަމާއެއްގައި، ފިލްމް "ކާބިލް" އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.

"ކާބިލް" ގެ ލީޑް ރޯލުން ފެނިގެންދާނީ ރިތިކް ރޯޝަން އާއި ޔާމީ ގޯތަމް އެވެ. ފިލްމްގައި ރިތިކް ކުޅެފައިވަނީ ރޯހަން ނަމަކަށް ކިޔާ މީހެއްގެ ރޯލެވެ. އަދި ޔާމީ ކުޅެފައިވަނީ ސުޕުރިޔާ ނަމަކަށް ކިޔާ މީހެއްގެ ރޯލެވެ.

ފިލްމްގައި ރޯހަން އާއި ސުޕުރިޔާއަކީ ފެނުމުން މަހުރޫމްވެފައިވާ ދެމަފިރިންނެވެ. ރޯހަން އާއި ސުޕުރިޔާ އުފާވެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް ސިޔާސީ މީހަކާއި ގުޅުން އޮންނަ މީހަކު ސުޕުރިޔާ ރޭޕްކޮށްލައެވެ. އެ ވޭނަށް ކެތް ނުކުރެވި ސުޕުރިޔާ އަމިއްލައަށް މަރުވެއެވެ. ފިލްމްގައި ދެން ފެނިގެން ދާނީ ރޯހަން، ސުޕުރިޔާ ރޭޕްކުރި މީހާގެ ކިބައިން ބަދަލު ހިފާ މަންޒަރެވެ.

ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމް އިންޑިއާގައި ރިލީޒްކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.