"ވާރ" އަށް 77 ކްރޯޑް ރުޕީސް

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ ފިލްމް "ވާރ" އަށް ދެ ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީ 77 ކްރޯޑް ރުޕީސްއަށް އަރައިފިއެވެ. މިއީ ހަމައެކަނި އިންޑިއާއިން މި ފިލްމަށް ލިބުނު އާމްދަނީއެވެ.

ފިލްމް "ވާރ" އަކީ މިއަހަރުގެ މިހާތަނަށް ރިލީޒްކުރި ބޮލީވުޑްގެ ފިލްމްތަކުގެ ތެރެއިން ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނިއެއް ހޯދި ފިލްމެވެ. މި ފިލްމް ރިލީޒްކުރި ދުވަސްކަމަށްވާ 2 އޮކްޓޫބަރަކީ، އިންޑިއާގައި ރަސްމީ ބަންދު ދުވަހެކެވެ. އިންޑިއާގައި ކޮންމެ އަހަރެއްގެ މި ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަމުންދަނީ މަހާތުމާ ގާނދީގެ އުފަންވުން ފާހަގަކުރުމުގެ ގޮތުންނެވެ.

އިންޑިއާގެ ފިލްމް ކްރިޓީކްސް ތަރަން އާދާޝް ބުނި ގޮތުގައި، ފިލްމްގެ ދެވަނަ ދުވަހަކީ ރަސްމީ މަސައްކަތު ދުވަހެއް ނަމަވެސް ފިލްމަށް ލިބުނު އާމްދަނީ ރަނގަޅެވެ.

ފިލްމް ރިލީޒްކުރި ދުވަހު އިންޑިއާއިން އެކަނި މި ފިލްމަށް 54.6 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. އޭގެ ތެރެއިން 51.6 ކްރޯޑް ރުޕީސްއަކީ މި ފިލްމްގެ ހިންދީ ވާޝަނަށް ލިބުނު އާމްދަނީއެވެ. މި ފިލްމަކީ ތަމަޅަ އަދި ތެލެގޫ ބަހުންވެސް ރިލީޒްކުރި ފިލްމެކެވެ. ދެވަނަ ދުވަހު މި ފިލްމަށް އިންޑިއާގެ ސިނަމާތަކުން ލިބުނީ 23.10 ކްރޯޑް ރުޕީސްއެވެ. މިއީ މި ފިލްމްގެ ހިންދީ ވާޝަނަށް ލިބުނު އާމްދަނީއެވެ.

ތަރަން އާދާޝް ބުނީ، ކުރިއަށް އޮތް ހަފުތާ ބަންދުގައި މި ފިލްމް ސިނަމާތަކުގައި ބޮޑު އާމްދަނީއެއް ހޯދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޔާޝްރާޖް ފިލްމް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ސިދާތު އާނަންދު ޑައިރެކްޓްކުރި މި ފިލްމަކީ 200 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.