އެއާފޯސް ޕައިލެޓެއްގެ ގޮތުގައި ކަންގަނާ

އެއާފޯސް ޕައިލެޓެއްގެ ގޮތުގައި ކަންގަނާގެ ފުރަތަމަ ފެނިލުން

މީގެ ހަފުތާތަކެއް ކުރިން، ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ވަނީ ފިލްމް "ތޭޖަސް"ގައި އޭނާ ފެނިގެންދާނީ އިންޑިއާ އެއާފޯސްގެ ޕައިލެޓެއްގެ ރޯލުންކަން އިއުލާނުކޮށްފައެވެ.

އިންޑިއާ އެއާފޯސްގެ ޕައިލެޓެއްގެ ގޮތުގައި ކަންގަނާގެ ފުރަތަމަ ފެނިލުން، ސޯޝަލް މީޑިއާގައި ކަންގަނާ ހިއްސާކުރުމާއެކު ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިގެންގޮސްފައެވެ.

ސޯޝަލް މީޑިއާގައި ކަންގަނާ ހިއްސާކުރި ފޮޓޯގައި އޭނާ ފެނިގެންދަނީ އިންޑިއާ އެއާފޯސް ޕައިލެޓެއްގެ ޔުނިފޯމްގައި ހުއްޓައެވެ.

މުމްބާއީ މިރާއާ ވާހަކަ ދައްކަމުން ކަންގަނާ ބުނީ ޔުނީފޯމްގައި ތިބޭ ހިތްވަރުގަދަ އަންހެނުންވާ ގުރުބާނީތައް ގިނަފަހަރު ފާހަގަ ނުކުރެވޭ ކަމަށެވެ. ފިލްމް "ތޭޖަސް" ގައި ފެނިގެންދާނީ އަމިއްލަ ނަފުސުގެ ބަދަލުގައި ގައުމު އިސްކުރާ އެއާ ފޯސް ޕައިލެޓެއްގެ ރޯލުން ކަމަށް ކަންގަނާ ބުންޏެވެ.

މި ފިލްމަކީ ސަރްވޭޝް މެވާރާ ޑައިރެކްޓްކުރާ ފިލްމެކެވެ. މިއަަހަރުގެ ހޫނު މޫސުމުގައި ފިލްމްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.