ފިލްމް ބޫޖްގައި އަޖޭ

ފިލްމް "ބޫޖް" ގައި އަޖޭގެ ފުރަތަމަ ފެނިލުން ދައްކާލައިފި

މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމް " ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ " ގައި އެކްޓަރު އަޖޭ ދޭވްގަންގެ ފުރަތަމަ ފެނިލުން އާންމުކޮށްފިއެވެ.

މި ފިލްމްގައި އަޖޭ ފެނިގެންދާނީ އިންޑިއާގެ އެއާފޯސް އޮފިސަރެއްގެ ރޯލުންނެވެ. މިއީ އަޖޭ މިފަދަ ރޯލަކުން ފެނިގެންދާ ފުރަތަމަ ފަހަރެއެވެ.

އިންޑިއާގެ އެއާފޯސް އޮފިސަރެއްގެ ގޮތުގައި އަޖޭ ފެނިގެންދާ ފޮޓޯ، ޓްވިޓާގައި ހިއްސާކުރަމުން ފިލްމްގެ ޑައިރެކްޓަރު އަބީޝެކް ދުދައްޔާ ވަނީ މި ފިލްމް ރިލީޒްކުރާ ތާރީހު އާންމުކޮށްފައެވެ. ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ.

މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނުން 1971 ވަނަ އަހަރު ކުރި ހަނގުރާމައިގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމްގައި އަޖޭ ފެނިގެންދާނީ ސްކޮޑްރަން ލީޑަރު ވިޖޭ ކާނިކްގެ ރޯލުންނެވެ.

"ބޫޖް" ގެ ކާސްޓުންގެ ތެރޭގައި ޕްރަތީނާ ޝުބާޝް އާއި ސޮނާޝްކީ ސިންހާ އާއި ރާނާ ދަގޫބަތީ އާއި ސަންޖޭ ދަތު ހިމެނެއެވެ.