ޝާހްރުކް

އެޓްލީއާ ގުޅިގެން ޝާހްރުކް ފިލްމެއް އުފައްދަނީ

ތަމަޅަ ފިލްމް ޑައިރެކްޓަރު އެޓްލީ ކުމާރްއާއެކު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ޝާހްރުކް ހާން ބުނެފިއެވެ.

ޝާހްރުކް އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "ޒީރޯ" އިންނެވެ. ބޮކްސް އޮފީހުގައި އެ ފިލްމް ފްލޮޕްވެފައިވާއިރު އޭގެ ފަހުން ޝާހްރުކްގެ ފިލްމެއް އިއުލާނެއް ނުކުރެއެވެ.

އެޓްލީގެ ކުރިއަށް އޮތް ފިލްމް "ބިގިލް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން ޝާހްރުކް ބުނީ އެޓްލީއާ ގުޅިގެން ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ޝާހްރުކްގެ ފިލްމަކަށް ބެލުންތެރިން އިންތިޒާރުކުރަމުންދާއިރު، ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް އޭނާގެ ކުރިއަށް އޮތް ފިލްމްގެ މައުލޫމާތު ހިއްސާކުރާނީ އޭނާގެ އުފަންދުވަހާއި ގުޅުވައިގެން ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ. ޝާހްރުކް މި ދުވަސްކޮޅު ވަގުތު ހޭދަކުރަމުންދަނީ އޭނާގެ އާއިލާއާއެކުގައެވެ.