މިވަގުތު އެއްވެސް ފިލްމެއްގައި މަސައްކަތެއް ނުކުރަން: ޝާހްރުކް

ޝާހުރުކް ހާންގެ އިތުރު ފިލްމަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނިކޮށް، އާއިލާއާއި އެކު ވަގުތު ހޭދަކުރުމަށް މިވަގުތު އެއްވެސް ފިލްމެއްގައި މަސައްކަތް ނުކުރާ ކަމަށް އޭނާ ބުނެފިއެވެ.

ޝާހުރުކު އެންމެ ފަހުން ފެނިގެން ދިޔަ ފިލްމް "ޒީރޯ" ގެ ނާކާމިޔާބީއަށް ފަހު، ހަގީގީ ވާހަކަ އަކަށް ބިނާކޮށްފައިވާ ރާކޭޝް ޝަރްމާގެ "ސާރޭ ޖަހާން ސެ އައްޗާ" ގައި ޝާހުރުކް ފެނިގެންދާނެ ކަމުގެ އަޑުތައް ފެތުރުނެވެ. އަދި ސަންޖޭ ލީލާ ބަންސާލީ އާއިއެކު ޑައިރެކްޝަން ޕްރޮޖެކްޓަކަށް ބައްދަލުކުރިކަމަށް ދެކެވުނު ވާހަކަތަކަށްވެސް ޝާހުރުކް ނިމުމެއް ގެނެސްފައިވަނީ މިވަގުތު އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބުނެފައެވެ.

އެއްވެސް ފިލްމެއްގައި މަސައްކަތް ކުރާ ހިތް ނުވާކަން ހާމަކޮށް ޝާހުރުކް ބުނީ މި ޗުއްޓީގައި ވަގުތު ހޭދަ ކުރާނީ އަމިއްލަ މީހާއަށް ސަމާލުކަންދީ އާއިލާއާއެކު ވަގުތު ހޭދަ ކުރުމަށެވެ. އަދި ފިލްމް ބެލުމަށާއި ވާހަކަ އަޑުއެހުމާއި ވާހަކަ ކިޔުމުގައި ވަގުތު ހޭދަ ކުރާނެ ކަމަށް ޝާހުރުކް ބުންޏެވެ.

ފިލްމެއްގައި މަސައްކަތް ނުކުރާ ކަމަށް ޝާހުރުކް ބުނެފައިވާއިރު ޑިސްނީގެ ލައިވް އެކްޝަން "ދަ ލަޔަން ކިންގް" ގައި މުފާސާގެ ކެރެކްޓާއަށް ހިންދީ ބަހުން އަޑު އަޅައިދޭނެ ކަމަށް ޝާހްރުކް ވަނީ ބުނެފައެވެ. އެ ފިލްމްގައި ސިމްބާގެ ކެރެކްޓާއަށް އަޑުއަޅައިދޭން ހަމަޖެހިފައިވަނީ ޝާހްރުކްގެ ދަރިފުޅު އަރްޔަން ހާނެވެ. އޭގެ އިތުރުން ޕްރޮޑަކްޝަން މަސައްކަތުގައި ޝާހްރުކް މަޑުޖެހިނުލާ ކުރިޔަށްދާނެއެވެ. ނެޓްފްލިކްސްގެ "ބާރޑް އޮފް ބްލަޑް" ޕްރޮޑިއުސް ކުރަނީ ޝާހްރުކް ހާނެވެ.