ޝާހްރުކް އޭނާގެ ދަރިންނާއެކު

40 ފަހަރު "ދަ ލަޔަން ކިންގް" ބެލިން: ޝާހްރުކް

ޑިޒްނީ އިން 1994 ވަނަ އަހަރު ރިލީޒްކުރި "ދަ ލަޔަން ކިންގް" 40 ފަހަރު ބެލިފައިވާނޭ ކަމަށް ޝާހްރުކް ހާން ބުނެފިއެވެ.

ޝާހްރުކް ހާނާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުން، ޝާހްރުކް އެހާ ގިނައިން އެ ކާޓޫން ބެލީ އޭނާގެ ދަރިންގެ ސަބަބުންނެވެ. ޝާހްރުކްގެ ތިން ކުދިން ތިބެއެވެ. އެއީ އުމުރުން 21 އަހަރުގް އާރްޔަން ހާން އާއި 19 އަހަރުގެ ސުހާނާ ހާން އަދި އުމުރުން ހަ އަހަރުގެ އަބްރަމް ހާނެވެ.

ދަރިން ކާން ބޭނުންވާ އެއްޗެއް ތައްޔާރުކޮށް، ގޭގައި ތިއޭޓަރެއްގެ މާހައުލު ގާއިމުކޮށް ދަރިންނާއެކު ކާޓޫން ބަލާ ކަމަށް ޝާހްރުކް ބުންޏެވެ. ޝާހްރުކް ބުނި ގޮތުގައި ބައެއް ފަހަރު ކާޓޫންގެ އެއްބައިވެސް ބެލިފައި ހުންނާނެއެވެ.

ޑިޒްނީން ވަނީ 1994 ވަނަ އަހަރު ރިލީޒްކުރި "ދަ ލަޔަން ކިންގް" ގެ ލައިވް-އެކްޝަން އެއް ތައްޔާރުކޮށް މިމަހު ރިލީޒްކޮށްފައެވެ.

މި ފިލްމްގެ ހިންދީ ވާޝަންގައި، ފިލްމްގެ ކެރެއްޓާއެއް ކަމަށްވާ މުފާސާއަށް އަޑު އަޅައިދީފައިވަނީ ޝާހްރުކް ހާނެވެ. އަދި ސިމްބާގެ ކެރެއްޓާއަށް ހިންދީން އަޑު އަޅައިދީފައިވަނީ ޝާހްރުކްގެ ދަރި އާރްޔަންނެވެ.