"މަރްދާނީ 2" އަށް ފުރަތަމަ ދުވަހުން 3.8 ކްރޯޑް ރުޕީސް
ރާނީ މުކަރްޖީ ލީޑް ރޯލުން ފެނިގެންދާ ފިލްމް "މަރްދާނީ 2" ރިލީޒްކުރި ދުވަހު 3.80 ކްރޯޑް ރުޕީސް ލިބިއްޖެއެވެ.
އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ހުކުރު ދުވަހު ރިލީޒްކުރި ފިލްމް ވަނީ 1600 އަށްވުރެ ގިނަ ސިނަމާގައި އަޅުވާފައެވެ. ފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ ރަނގަޅު ކަމަށް ފިލްމް ކްރިޓީކުން ވަނީ ބުނެފައެވެ.
ގޯޕީ ޕުތުރާން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2014 ވަނަ އަހަރު ރިލީޒްކުރި "މަރްދާނީ" ގެ ދެވަނަ ބައެވެ. އެ ފިލްމްގައިވެސް ލީޑް ރޯލު ކުޅެފައިވަނީ ރާނީ މުކަރްޖީއެވެ.
މި ފިލްމްގައި ރާނީ ފެނިގެންދާނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޝިވާނީ ޝިވާޖީ ނަމަކަށް ކިޔާ ހިތްވަރު ގަދަ އަދި ޖެހިލުންކުޑަ ފުލުހެއްގެ ރޯލުންނެވެ.
އިންޑިއާގެ މީޑިއާތަކުންނާއި ކްރިޓީކުންގެ ފަރާތުންވެސް ފިލްމަށް ލިބިފައިވަނީ ރަނގަޅު ބަސްތަކެވެ.