"ބޫތު" ގެ ޕޯސްޓަރެއް

"ބޫތު" އަށް ފުރަތަމަ ދުވަހުން 5 ކްރޯޑް ރުޕީސް

އެކްޓަރު ވިކީ ކޯޝަލް ލީޑް ރޯލު ކުޅެފައިވާ ފިލްމް، "ބޫތު ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް" ރިލީޒްކުރި ދުވަހު 5.10 ކްރޯޑް ރުޕީސް ލިބިއްޖެއެވެ.

މިއީ ހުކުރު ދުވަހު ރިލީޒްކުރި ފިލްމް، އިންޑިއާގެ ސިނަމާތަކުގައި އަޅުވައިގެން ފިލްމަށް ލިބުނު އާމްދަނީއެވެ. ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކުރާ މި ފިލްމުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ބޫމީ ޕެޑްނޭކަރް އާއި އަޝުތޯޝް ރާނާ ހިމެނެއެވެ.

އިންޑިއާގެ ފިލްމް ޓްރޭޑް އެނަލީސްޓް ތަރަން އާދާޝް ބުނި ގޮތުގައި، ބިރުވެރި ފިލްމްތަކަށް ލޯބިކުރާ އޯޑިއަންސްގެ ފަރާތުން އުންމީދުކުރި މިންވަރުގެ ތަރުހީބެއް ފުރަތަމަ ދުވަހު ފިލްމަށް ލިބިގެން ދިޔައެވެ.

ފިލްމް ޓްރޭޑް އެނަލީސްޓް ގިރިޝް ޖޯހަރް މީގެ ކުރިން ބުނި ގޮތުގައި ބިރުވެރި ފިލްމެއް ސިނަމާތަކަށް މި އަންނަނީ ގިނަ ދުވަސްތަކަކަށްފަހުއެވެ. ވިކީ ކޯޝަލް ފަދަ އެކްޓަރަކާއެކު ފިލްމަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.