އެމެރިކާ އަށްވުރެ ކުރިން "ބްލެކް ވިޑޯ" އިންޑިއާއަށް

މާވެލް ސްޓޫޑިއޯސް ގެ ފިލްމް "ބްލެކް ވިޑޯ"، އެމެރިކާ އަށްވުރެ ކުރިން އިންޑިއާގައި ރިލީޒްކުރުމަށް ހަމަޖެހިއްޖެއެވެ.

މީގެ ކުރިން ހަމަޖެހިފައިވާ ގޮތުން މި ފިލްމް އިންޑިއާގައި ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް މިހާރު މި ފިލްމް ރިލީޒްކުރާ ތާރީހު ވަނީ އެޕްރީލް 30 ވަނަ ދުވަހަށް އަވަސްކޮށްފައެވެ. މިއީ މި ފިލްމް އެމެރިކާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ތާރީހަށްވުރެ އެއް ދުވަސް އަވަސް ތާރީހެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގައި މި ފިލްމް ރިލީޒްކުރާއިރު އެކި ބަސްބަހުން ފިލްމް ރިލީޒްކުރާނެއެވެ. އޭގެ ތެރޭގައި އިނގިރޭސި، ހިންދީ، ތަމަޅަ، ތެލުގޫ އަދި މަލަޔާލަމް ހިމެނެއެވެ.

ފިލްމްގައި "ބްލެކް ވިޑޯ، ނަތާޝާ" ގެ ރޯލު ކުޅޭނީ ސްކާލެޓް ޖޯހާންސަންއެވެ. ކޭޓް ޝޯޓްލޭންޑް ޑައިރެކްޓްކުރާ ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ޑޭވިޑް ހާބާ އަދި ފްލޯރެންސް ހިމެނެއެވެ.

މީގެ ކުރިންވެސް ބައެއް ފިލްމްތަކުން "ބްލެކް ވިޑޯ" ގެ ރޯލުން ސްކާލެޓް ފެނިގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި "އަޔަން މޭން 2" އާއި "ދަ އެވެންޖާސް" އާއި "ކެޕްޓަން އެމެރިކާ: ދަ ވިންޓާ ސޯލްޑާ" އާއި "އެވެންޖާސް: އޭޖް އޮފް އަލްޓްރޮން" އާއި "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" އާއި "ކެޕްޓަން މާވެލް" އަދި "އެވެންޖާސް: އެންޑްގޭމް" ހިމެނެއެވެ.