ޖޯކާގެ މަންޒަރެއް

"ޖޯކާ" އާއި "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އަލުން އިންޑިއާއަށް

ޓޮޑް ފިލިޕްސް ޑައިރެކްޓްކޮށްފައިވާ ފިލްމް "ޖޯކާ" އާއި ކުއަންޓިން ޓަރަންޓިނޯ ޑައިރެކްޓްކޮށްފައިވާ ފިލްމް "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އަލުން އިންޑިއާގައި ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.

މި ދެ ފިލްމްވެސް އިންޑިއާގައި ރީ-ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ފިލްމް "ޖޯކާ" އަށް ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އަށް 370 މިލިއަން ޑޮލަރުގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ލިބިފައެވެ.

މިމަހު ބޭއްވިގެންދިޔަ އޮސްކާގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިގެން ގޮސްފައިވަނީ ފިލްމް "ޖޯކާ" ގައި ޖޯކާގެ ރޯލުން ކުޅުނު ވާކީން ފީނިކްސް އަށެވެ. އަދި އެންމެ މޮޅު ސްކޯގެ އެވޯޑްވެސް ލިބުނީ ފިލްމް "ޖޯކާ" އަށެވެ. އޮސްކާގައި ފިލްމް "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އަށްވެސް ދެ އެވޯޑެއް ލިބިފައިވެއެވެ. އެއީ މޮޅު ސަޕޯޓިން ބަތަލުގެ އެވޯޑަށް ބްރެޑް ޕިޓް އަދި މޮޅު ޕްރޮޑަކްޝަން ޑިޒައިން އެވޯޑެވެ.

މި ދެ ފިލްމް އިންޑިއާގައި ރި-ރިލީޒް ކުރަނީ ބޮލީވުޑްގެ ފިލްމް "ލަވް އާޖް ކަލް" ވެސް ރިލީޒްކުރާ ދުވަހުއެވެ.

އިންޑިއާގެ ފިލްމީ ދާއިރާ ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުން ހޮލީވުޑްގެ ދެ ފިލްމެއް އަލުން ރިލީޒްކުރި ނަމަވެސް، އޭގެ ނޭދެވޭ އަސަރު ބޮލީވުޑަށް އަލަށް ތައާރަފުވާ ފިލްމަށް ކުރުން ދުރެވެ.