އަޔޫޝްމަން

ފިލްމް "ބާލާ" އަށް 52 ކްރޯޑް ރުޕީސް ލިބިއްޖެ

ބޮލީވުޑްގެ ތަރި އަޔޫޝްމަން ކުރާނާ ލީޑް ރޯލުން ފެނިގެންދާ ފިލްމް "ބާލާ" އަށް ހަތަރު ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީ 52.21 ކްރޯޑް ރުޕީސަށް އަރައިފިއެވެ. މިއީ މި ފިލްމް އިންޑިއާގެ ސިނަމާތަކުގައި އަޅުވައިގެން ލިބުނު އާމްދަނިއެވެ.

އިންޑިއާގެ ފިލްމީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން ހަތަރު ދުވަހުގެ ތެރޭގައި ފިލްމަށް ލިބުނު އާމްދަނީ ރަނގަޅެވެ. އަދި މިހާރު ފިލްމަށް ލިބެމުންދާ ތަރުހީބަށް ބަލާއިރު، ފުރަތަމަ ހަފުތާ ތެރޭގައި ފިލްމަށް 75 ކްރޯޑް ރުޕީސް ލިބޭނެ ވަނީ ބެލެވިފައެވެ.

ފިލްމް ކްރިޓީކް ތަރަން އާދާޝް ވެސް ވަނީ، ފިލްމް "ބާލާ" އަށް ލިބުނު އާމްދަނީ ރަނގަޅުކަން ފާހަގަކޮށްފައެވެ.

މި ފިލްމްގައި އަޔޫޝްމަން ފެނިގެންދާނީ ތަލަ މީހެއްގެ ރޯލުންނެވެ. މިއީ ތަލަވަމުންދާ ފިރިހެނަކަށް ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.

އަމަރް ކޯޝިކް ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ޔާމީ ގޯތަމް އާއި ބޫމީ ޕެޑްނޭކަރު ހިމެނެއެވެ. ފިލްމްގައި އަޔޫމަން އާއި ޔާމީ އަދި ބޫމީ ދައްކުވައިދިން ރޯލަށް ބެލުންތެރިންގެ ތަރުހީބު ދަނީ ލިބެމުންނެވެ.