"ކްރިޝް 4" ބެހޭ ގޮތުން ރިތިކް ބުނަނީ

ރިތިކް ރޯޝަންއަށް މިއަހަރުވެގެން ދިޔައީ ވަރަށް ކާމިޔާބު އަހަރަކަށެވެ. މިއަހަރު ރިލީޒްކުރި އޭނާގެ ދެފިލްމް ކަމަށްވާ "ސުޕަ 30" އަދި "ވޯ" އަށް ވަނީ ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ލިބިފައެވެ.

މި އަހަރެކޭ އެއް ފަދައިން އަންނަ އަހަރުވެސް، އޭނާގެ ފިލްމްތަކެއް ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މީހުންގެ މަގުބޫލުކަން ހޯދާފައިވާ، ރާކޭޝް ރޯޝަންގެ ސިލްސިލާ ފިލްމް "ކްރިޝް 4" ހިމެނެއެވެ.

ވަރަށް ފަހުން ލީޑިން ޑެއިލީއަކަށް ދިން އިންޓަވިއުއެއްގައި، "ކްރިޝް 4" އިން ރިތިކް ފެނިގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ފިލްމާއި ބެހޭ ގޮތުން ކުޑަ މައުލޫމާތު ކޮޅެއް ހިއްސާކުރަމުން، އޭނާ ބުނެފައިވަނީ ފިލްމް އޮތީ މަސައްކަތް ފެށުމުގެ މަގުމަތީގައި ކަމަށާއި ފިލްމާބެހޭ ގޮތުން އިތުރު މައުލޫމާތު ރަނގަޅަށް ދެވޭނީ ފިލްމްގެ މަސައްކަތް ފެށުމުން ކަމަށެވެ.

ރިތިކް ރޯޝަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޓައިގާ ޝްރޮފްއާއެކު ފިލްމް "ވޯ" އިންނެވެ. މި ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ރަނގަޅު މަގާމެއް ހާސިލުކޮށްފައެވެ. 2003 ވަނަ އަހަރު ނެރުނު "ކޮއި މިލްގަޔާ" އާ ގުޅުވައިގެން ނެރުނު "ކްރިޝް" ނެރެފައިވަނީ 2006 ވަނަ އަހަރުއެވެ. އޭގެ ފަހުން 2013 ވަނަ އަހަރު "ކްރިޝް 3" ނެރެފައިވާއިރު، މި ފިލްމް އުފައްދާ ފަރާތްތަކުން އަންނަނީ 2020 ގައި "ކްރިޝް 4" ނެރުމަށް މަސައްކަތް ކުރަމުންނެވެ.