ރިތިކް ރޯޝަން

100 ނެށުންތެރިއަކަށް ރިތިކް އެހީތެރިވެއްޖެ

އެކުގައި މަސައްކަތްކުރި 100 ނެށުންތެރިއަކަށް، ރިތިކް ރޯޝަން ފައިސާގެ ގޮތުން އެހީތެރިވެއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައެވެ. ޝޫޓިންތައް ހުއްޓިފައިވާއިރު، އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ދުވަހު މުސާރައަށް މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

ބޮލީވުޑްގެ ލަވަތަކުގައި ޑާންސް ކޯޑިނޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ރަޖް ސުރާނީ ބުނި ގޮތުގައި މި ދަތިދަނޑިވަޅުގައި 100 ނެށުންތެރިއަކަށް ރިތިކްގެ އެހީތެރިކަންވަނީ ލިބިފައެވެ. ބައެއް ނެށުންތެރިންނަށް ކުލި ނުދެއްކިފައިވާއިރު، ނެށުންތެރިއެއްގެ އާއިލާގެ މެންބަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ރަޖް ސުރާނީ ބުންޏެވެ. އޭނާ ބުނި ގޮތުގައި ބައެއް ނެށުންތެރިން ވަނީ އެ މީހުންގެ އަވަށްތަކަށް ދަތުރުކޮށްފައެވެ.

ރިތިކް ވެދިން އެހީތެރިކަމަށް ނެށުންތެރިން ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށްވެސް ރަޖް ބުންޏެވެ.