އެންޖެލީނާ ޖޯލީ ހުރި ފިލްމް ސެޓުން ބޮމެއް ފެނިއްޖެ

މާވެލް ސްޓޫޑިއޯސް އާއި ޑިޒްނީ ގުޅިގެން ގެނެސްދޭ ފިލްމް "ދި އެޓާނަލްސް" ގެ ސެޓުން ބޮމެއް ފެނުމާއި ގުޅިގެން އެކްޓްރެސް އެންޖެލީނާ ޖޯލީ އާއި އެކްޓަރު ރިޗަޑް މެޑެމް ރައްކާތެރި ސަރަހައްދަކަށް ގެންގޮސްފިއެވެ.

ބޮން ފެނިފައިވަނީ ސްޕެއިންގެ ކެނަރީ އައިލެންޑްސްގެ ފްރެޓެވެންޓޫރާ އިންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ބޮމަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީން ބޭނުންކުރި ބޮމެކެވެ.

އެ ސަރަހައްދުން މީހުން ދުރަށް ޖެއްސުމަށްފަހު، ބޮން ނައްތާލުމުގެ ތަޖުރިބާކާރުން ވަނީ ބޮން ނުގޮވާ ގޮތަށް ހެދުމުގެ މަސައްކަތްކޮށްފައެވެ.

މި ފިލްމަކީ އެމެރިކަން ސުޕަހީރޯ ފިލްމެކެވެ. މިއީ މާވެލްގެ ސުޕަހީރޯ ދުނިޔޭގެ ތެރެއަށް އެންޖެލީނާ އަންނަ ފުރަތަމަ ފިލްމެވެ. އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ސަލްމާ ހަޔޭކް، ކުމައިލް ނަންޖާނީ، ޑޮން ލީ އަދި ބްރަޔަން ޓައިރީ ހެންރީ ހިމެނެވެ.