އެކްޓަރު ޖެސީ

"ޒޮމްބީލޭންޑް" ލަސްވީ "ޑެޑްޕޫލް" ގެ ސަބަބުން: ޖެސީ

ހޮލީވުޑްގެ ފިލްމް "ޒޮމްބީލޭންޑް" ގެ ސީކުއެލްގެ މަސައްކަތް ލަސްވީ "ޑެޑްޕޫލް" ފްރެންޗައިޒްގެ ސަބަބުން ކަމަށް "ޒޮމްބީލޭންޑް" ގެ އެކްޓަރު ޖެސީ އައިސެންބާގް ބުނެފިއެވެ.

ފިލްމް "ޒޮމްބީލޭންޑް" އަކީ 2009 ވަނަ އަހަރު ރިލީޒްކުރި ފިލްމެކެވެ. އެ ފިލްމްގެ ސީކުއެލްގެ ގޮތުގައި އުފައްދާ ފިލްމަށް ދީފައިވާ ނަމަކީ "ޒޮމްބީލޭންޑް: ޑަބަލް ޓެޕް" އެވެ. މިދިޔަ އަހަރު ރިލީޒްކުރި "ޑެޑްޕޫލް 2" އާއި މިމަހު ރިލީޒްކުރާ "ޒޮމްބީލޭންޑް: ޑަބަލް ޓެޕް" މި ދެ ފިލްމްގެ ސްކްރީން ޕްލޭ ލިޔެފައިވަނީ ރެޓް ރީސް އާއި ޕޯލް ވާނިކްއެވެ.

ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން އެކްޓަރު ޖެސީ ބުނި ގޮތުގައި "ޑެޑްޕޫލް 2" ގެ މަސައްކަތަށް "ޒޮމްބީލޭންޑް: ޑަބަލް ޓެޕް" މަސައްކަތް މަޑު ޖައްސާލާފައި ދުވަސްތަކެއް ވަންދެން އޮތެވެ.

"ޒޮމްބީލޭންޑް: ޑަބަލް ޓެޕް" ގެ މަސައްކަތް ނިމި މިމަހުގެ 18 ވަނަ ދުވަހު އެމެރިކާގައި ރިލީޒްކުރުމަށް މިހާރު ތައްޔާރުވެފައިވާއިރު ފިލްމްގެ ފުރަތަމަ ބައިން ފެނިގެން ދިޔަ ކާސްޓުން ކަމަށްވާ ވުޑީ ހެރެލްސަން، ޖެސީ އައިސެންބާގް، އެމާ ސްޓޯން އަދި އެބިގެލް ބްރެސްލިން ފިލްމްގެ ދެވަނަ ބައިން ފެނިގެންދާނެއެވެ.

މި ފަހަރުގެ ފިލްމްގައިވެސް، މި ކެރެކްޓާތައް ޒޮމްބީ މެރުމުގައި އުޅޭނެއެވެ. އަދި އެކްޝަން މަންޒަރުތަކާއި ހެއްވާ މަޖާ ސީންތައްވެސް މި ފިލްމުން ފެނިގެންދާނެއެވެ.