ސްކާލެޓް ޖޮހަންސަން

މިފަހަރުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ސްކާލެޓަށް

ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި، މުޅި ދުނިޔެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބަތަލާއަކީ ސްކާލެޓް ޖޮހަންސަން ކަމަށް ފޯބްސް މަޖައްލާއިން ބުނެފިއެވެ. މިދިޔަ އަހަރުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބަތަލާއަކީ ސްކާލެޓް ޖޮހަންސަންއެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބަތަލާއިން ހިމަނައިގެން ފޯބްސް އިން އެކުލަވައިލި ލިސްޓްގެ ކުރި، ފިލްމް "އެވެންޖާސް: އެންޑްގޭމް" ގެ އެކްޓްރެެސް ސްކާލެޓް ޖޮހަންސަން އަށް ލިބުނީ 56 މިލިއަން ޑޮލަރުގެ އާމްދަނިއަކާއެކުގައެވެ.

ލިސްޓްގެ ދެވަނަ ލިބެނީ ކޮލަމްބިއަން-އެމެރިކަން އެކްޓްރެސް ސޯފިއާ ވެގާރާއަށެވެ. ފާއިތުވި އަހަރު، އާމްދަނީގެ ގޮތުގައި 44.1 މިލިއަން ޑޮލަރު ސޯފިއާއަށް ލިބިފައިވެއެވެ. ފޯބްސް އިން އާންމުކުރި ލިސްޓްގެ ތިން ވަނަ އެމެރިކާގެ އެކްޓްރެސް ރީޒް ވިތަސްޕޫންއަށް ލިބެނީ 35 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކުގައެވެ.

ތިރީސް ހަތަރު މިލިއަން ޑޮލަރުގެ އާމްދަނިއަކާއެކު، ފާއިތުވި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބަތަލާއިންގެ ލިސްޓްގެ ހަތަރުވަނަ ލިބެނީ އޮސްޓްރޭލިއަން-އެމެރިކަން އެކްޓްރެސް އަދި ޕްރޮޑިއުސަރު ނިކޯލް ކިޑްމަންއަށެވެ. 28 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު ލިސްޓްގެ ފަސްވަނަ ލިބިފައިވަނީ ޖެނިފާ އެނިސްޓޮންއަށެވެ.