ބާގީ 3 ގެ މަންޒަރެއް

"ބާގީ 3" ގެ ޓިކެޓް އެޑްވާންސްކޮށް ބުކްކުރަން ހުޅުވާލައިފި

ޓައިގާ ޝްރޮފް އާއި ޝްރައްދާ ކަޕޫރް ލީޑް ރޯލުން ފެނިގެންދާ ފިލްމް، "ބާގީ 3" ރިލީޒްކުރަން ތައްޔާރުވެފައިވާއިރު، އިންޑިއާގެ ސިނަމާތަކުން ފިލްމްގެ ޓިކެޓް އެޑްވާންސްކޮށް ބުކްކުރަން ހުޅުވާލައިފިއެވެ.

ފިލްމް ޕްރޮޑިއުސްކުރާ، ނަދިއަދުވާލާ ގްރޭންޑްސަން އެންޓަޓެއިންމެންޓް އިން ކުރި ޓްވީޓެއްގައި ބުނީ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމްގެ ޓިކެޓް މިހާރު ބުކްކުރެވޭނެ ކަމަށެވެ.

"ބާގީ" އާއި "ބާގީ 2" ގެ ކާމިޔާބީއަށްފަހު، މި ފްރެންޗައިޒްގެ ތިންވަނަ ފިލްމް ނެރޭއިރު މި ފިލްމުން އެކްޓަރު ރިތޭޝް ދޭޝްމުކްވެސް ފެނިގެންދާނެއެވެ.

ފިލްމްގެ ޓްރެއިލާ ދައްކާލާފައިވާއިރު، ޓްރެއިލާއިން ފެނިގެންދަނީ ރޯނީ (ޓައިގާ)، ޓެރަރިސްޓް ޖަމާއަތަކާއި ކުރިމަތިލާތަނެވެ. މި ފިލްމަކީ ރޯނީ (ޓައިގާ) އާއި އޭނާގެ ބޭބެ ވިކްރަމް (ރިތޭޝް) ގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ޓެރަރިސްޓް ޖަމާއަތަކުން ވިކްރަމް ވަގަށް ނެގުމުން، އެ ޖަމާއަތުގެ ކިބައިން ބަދަލު ހިފުމަށް ރޯނީ ކުރާ މަސައްކަތް މި ފިލްމުން ދައްކުވައިދެއެވެ. ފިލްމް ޑައިރެކްޓްކޮށްފައިވަނީ އަހުމަދު ޚާނެވެ.