ޝްރައްދާ ކަޕޫރު

ފާޑުކިޔުމާއެކުވެސް ކާމިޔާބު ލިބުމުން ގަބޫލުކުރަން ދަތި: ޝްރައްދާ

ތެލުގޫ އެކްޓަރު ޕްރަބާސް އާއި ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރު ފެނިގެންދާ ފިލްމް "ސާހޯ" އަށް ފިލްމް ކްރިޓީކްސްގެ ފަރާތުން ފާޑުކިޔުން އަމާޒުވި ނަމަވެސް، ބެލުންތެރިންގެ ފަރާތުން ލިބެމުންދަނީ ތަރުހީބެވެ.

ފިލްމަށް ފާޑުކިޔުން އަމާޒުވުމުން އޭގެ އަސަރު ކުރިއަށް ހުރި ފިލްމްތަކަށް ކޮށްފާނެތޯ އީޓައިމްސް އިން ސުވާލުކުރުމުން ޝްރައްދާ ކަޕޫރު ބުނީ ގަބޫލުކުރަން ދަތި ނަމަވެސް ބެލުންތެރިންގެ ފަރާތުން ފިލްމަށް އަދިވެސް ލިބެމުންދަނީ ތަރުހީބު ކަމަށެވެ.

ފިލްމަށް ތަރުހީބު ލިބޭތީ ބައެއް ފަހަރު އެކަން ގަބޫލުކުރަން ދަތި ކަމަށާއި އަނެއް ބައިފަހަރު އެކަން ގަބޫލު ކުރެވޭ ކަމަށް ޝްރައްދާ ބުންޏެވެ. ސަބަބެއް ކަމަށް ޝްރައްދާ ބުނީ ފިލްމްގެ ލީޑް އެކްޓަރު ޕްރަބާސްގެ ސަޕޯޓަރުންނާއި އެނޫންވެސް ގިނަ ސަބަބުތަކެއް ހުރުމެވެ. ޝްރައްދާ ބުނީ ފިލްމާމެދު އެންމެފަހުގެ ނިންމުން ނިންމާނީ ބެލުންތެރިން ކަމަށެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ރިލީޒްކުރި ފިލްމަށް ކާމިޔާބީތައް ލިބެމުންދާތީ އުފާވާކަން ހާމަކޮށް ޝްރައްދާ ބުނީ ފިލްމަށް އޭނާ ނެގުމުން ޑައިރެކްޓަރަކަށް ޝުކުރުވެރިވާ ކަމަށެވެ. "ސާހޯ" އަށް މިހާތަނަށް 400 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.

ޝްރައްދާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ވަރުން ދާވަންއާއެކު ފެނިގެންދާ ފިލްމް "ސްޓްރީޓް ޑާންސާ 3ޑީ" އާއި ޓައިގާ ޝްރޮފްއާއެކު ފެނިގެންދާނެ ފިލްމް "ބާގީ 3" ހިމެނެއެވެ.