ފިލްމް ސާހޯގެ ޕޯސްޓަރެއްގައި ޝްރައްދާ

"ސާހޯ" ރިލީޒްކުރުން ފަސްކުރީތަ؟

ޝްރައްދާ ކަޕޫރާއި ޕްރަބާސް ފެނިގެންދާ ފިލްމް "ސާހޯ" ރިލީޒްކުރާ ތާރީހު ފަސްކޮށްފި ކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

މީގެ ކުރިން ހަމަޖެހިފައި އޮތް ގޮތުން މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮގަސްޓް 15 ވަނަ ދުވަހުއެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން "ސާހޯ" ރިލީޒްކުރުން ފަސްކުރީ އޮގަސްޓް 15 ވަނަ ދުވަހު ތެލުގޫ ދެ ފިލްމެއް ރިލީޒްކުރަން ހަމަޖެއްސުމާއި ގުޅިގެންނެވެ.

އެގޮތުން ކާޖަލް އަގަރްވާލް އާއި ޝަރްވަނަންދް ފެނިގެންދާ ފިލްމް "ރަންއަރަންގަމް" އަދި އަދިވީ ސެޝްގެ "އެވާރު" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 15 ވަނަ ދުވަހުއެވެ.

އޭގެ އިތުރުން އަކްޝޭ ކުމާރް އާއި ތާޕްސީ ޕަންނޫ ލީޑް ރޯލުން ފެނިގެންދާ ފިލްމް "މިޝަން މަންގަލް" އާއި ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" ވެސް ރިލިޒްކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 15 ގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިހާރު، ފިލްމް "ސާހޯ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 30 ވަނަ ދުވަހުއެވެ. ފިލްމް "ސާހޯ" އަކީ ސުޖީތު ރެޑީ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމްގެ ފުރަތަމަ ލަވަ "ސައިކޯ ސައްޔާން" ރިލީޒްކުރުމާއެކު ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮޮސްފައެވެ.