ޝްރައްދާ ކަޕޫރް

ކިޔެވުން ހުއްޓާލައި ފިލްމީ ދާއިރާއަށް ނިކުތް ސަބަބު ޝްރައްދާ ހާމަކޮށްފި

ބޮލީވުޑްގެ ފިލްމްތަކަށް މިވަގުތު އެންމެ ޑިމާންޑް ބޮޑު އެއް އެކްޓްރެސްއަކީ، 32 އަހަރުގެ ޝްރައްދާ ކަޕޫރެވެ. އުމުރުން 23 އަހަރުގައި ފިލްމީ ދާއިރާއަށް ނިކުތް އެކްޓްރެސް ވަނީ، ކިޔެވުން ދޫކޮށްލުމަށްފަހު ދާއިރާއަށް ނިކުންނަން މެދުވެރިވި ސަބަބުން ހާމަކޮށްފައެވެ.

ޝްރައްދާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމް "ޗިޗޯރީ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން ޝްރައްދާ ބުނީ، އޭނާ ފިލްމީ ދާއިރާއަށް ނިކުންނަން ބޭނުންވީ އެމެރިކާގެ ބޮސްޓޮންގައި ފުރިހަމަ ކުރަމުންދިޔަ ކޯސް ފުރިހަމަކުރުމަށްފަހު ކަމަށެވެ.

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރުގެ ދަރިފުޅު، ޝްރައްދާ ބުނި ގޮތުގައި ކޯހުގެ ތެރެއިން އިންޑިއާއަށް ގޮސް ހުރި ދުވަސްކޮޅެއްގައި ސީދާ ފިލްމުން ފުރުސަތު ނުލިބި، އޮޑިޝަނުން ފުރުސަތުތަކެއް ލިބިގެންދިޔަ ކަމަށެވެ.

އެމެރިކާގައި ފުރިހަމަކުރަމުން ދިޔަ ކޯސް ހުއްޓާލައި، ފިލްމީ ދާއިރާއަށް ވަންނަން ނިންމީ އެހިސާބުން ކަމަށް ޝްރައްދާ ބުންޏެވެ.

ޝްރައްދާ ކުޅެފައިވާ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި "އާޝިގީ 2" އާއި "އޭކް ވިލަން" އާއި "އޭބީސީޑީ 2" ހިމެނެއެވެ. އޭގެ އިތުރުން 2016 ވަނަ އަހަރުގެ ފިލްމް "ބާގީ" އާއި މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "ސްޓްރީ" އަކީވެސް ޝްރައްދާގެ ކާމިޔާބު ފިލްމްތަކެކެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޝްރައްދާގެ ފިލްމް "ސާހޯ" އަށް މިހާރު ވަނީ 200 ކްރޯޑް ރުޕީސް ލިބިފައެވެ.