ފުރަތަމަ ހަފުތާ ބަންދުގައި އެންމެ ކާމިޔާބު ބިރުވެރި ފިލްމްތަކުގެ ލިސްޓަށް "ބޫތު"
ބޮލީވުޑްގައި ބިރުވެރި ފިލްމްތަކަށް އަބަދުވެސް ކަންބޮޑުވުންތައް އޮވެއެވެ. ސަބަބަކީ ބިރުވެރި ގިނަ ފިލްމްތަކެއް ބޮލީވުޑްގައި ރިލީޒްކުރެވުނުއިރުވެސް، ފާހަގަކުރެވޭ ވަރުގެ ކާމިޔާބު ލިބުނީ ވަރަށް މަދު ފިލްމްތަކަކަށްވުމެވެ.
އެކްޓަރު ވިކީ ކޯޝަލް ލީޑް ރޯލު ކުޅެފައިވާ ފިލްމް " ބޫތު ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް" އަށް، ފުރަތަމަ ހަފުތާ ބަންދުގައި ލިބުނީ 16.36 ކްރޯޑް ރުޕީސެވެ. މިއީ ބޮލީވުޑްގައި އެންމެ ފަހުން ރިލީޒްކުރެވުނު ބިރުވެރި 10 ފިލްމްގެ ތެރެއިން ފުރަތަމަ ހަފުތާ ބަންދުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ.
ބޮލީވުޑްގައި އެންމެފަހުން ރިލީޒްކުރެވުނު ބިރުވެރި 10 ފިލްމްގެ ތެރެއިން ފުރަތަމަ ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކީ 2016 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ރާޒް ރިބޫޓް" އެވެ. މި ފިލްމަށް ފުރަތަމަ ހަފުތާ ބަންދުގައި 18.09 ކްރޯޑް ރުޕީސް ލިބުނެވެ.
ލިސްޓްގެ ތިންވަނަ ލިބެނީ 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ޕަރީ" އަށެވެ. މި ފިލްމަށް ފުރަތަމަ ހަފުތާ ބަންދުގައި ލިބުނީ 15.34 ކްރޯޑް ރުޕީސެވެ.
ބޮލީވުޑްގެ ފިލްމްތައް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން ފިލްމް "ބޫތު" އަށް މިހާތަނަށް ލިބުނު ކާމިޔާބު ގޯހެއް ނޫނެވެ. ބިރުވެރި ފިލްމްތަކަށް ލޯބިކުރާ އޯޑިއަންސްގެ ފަރާތުން ފިލްމަށް ދަނީ އެދެވޭ ތަރުހީބެއް ލިބެމުންނެވެ.
ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކުރާ މި ފިލްމުން، ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ބޫމީ ޕެޑްނޭކަރް އާއި އަޝުތޯޝް ރާނާ ހިމެނެއެވެ.