އިންޑިއާ ސިފައިން ދިން ހަމަލާތަކަށް ބޮލީވުޑްގެ ފަންނާނުންގެ ތައުރީފު

ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް އަމާޒުކޮށް އިންޑިއާގެ ވައިގެ ސިފައިން އިއްޔެ ދިން ހަމަލާތަކަށް ބޮލީވުޑްގެ ބައެއް މަޝްހޫރު ފަންނާނުން ތައުރީފުކޮށްފިއެވެ.

އިންޑިއާ ސިފައިން އެ ހަމަލާ ދީފައިވަނީ ކަޝްމީރުގެ ޕުލްވަމާއަށް މިމަހުގެ 14 ވަނަ ދުވަހު ދިން ހަމަލާއެއްގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 42 މީހުން މަރާލާފައިވަނިކޮށެވެ.

ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން އަކްޝޭ ކުމާރް، އަޖޭ ދޭވްގަން، އަބިޝޭކް ބައްޗަން، ތާޕްސީ ޕަންނޫ އަދި ސޮނާކްޝީ ސިންހާ ހިމެނެއެވެ.

އަކްޝޭ ކުމާރް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޓެރަރިސްޓުންގެ ކޭމްޕްތަކަށް ހަމަލާދީ ހަލާކުކޮށްލި އިންޑިއާގެ ވައިގެ ސިފައިންނާމެދު ފަހުރުވެރިވާ ކަމަށެވެ. އަޖޭ ދޭވްގަން އާއި ރާޖްކުމާރް ރާއޯ އާއި ސަންޖޭ ދަތް ވަނީ އިންޑިއާގެ ވައިގެ ސިފައިންނަށް ސެލިއުޓްކުރާކަން ހާމަކޮށް ޓްވީޓްކޮށްފައެވެ.

ޓެރަރިސްޓުންނަށް އަމާޒުކޮށް އިންޑިއާއިން ދިން ހަމަލާތަކަށް ތާއީދުކުރާކަން ސޮނާކްޝީ ސިންހާ އާއި ޔަމީ ގޯތަމް ކުރި ޓްވީޓްތަކުން ވަނީ ހާމަކޮށްފައެވެ.