ފިލްމް "މާމުއި ގެ ޕޯސްޓަރެއް: ފޮޓޯ މާމުއި ފޭސްބުކް ޕޭޖް

ޑާކްރެއިންގެ "މާމުއި" މިރޭ ރިލީޒްކުރާނެ

ޑާކްރެއިން އެންޓަޓެއިންމަންޓުން ބޮޑު ކާސްޓަކާއެކު އުފެއްދި ފިލްމް "މާމުއި" މިރޭ ރިލީޒްކުރާނެއެވެ. އެހެންކަމުން "#މާމުއި ބޯނީ ޖުލައި އެކެއްގައި ދޯ" ގެ ގޮތުގައި ޕްރޮމޯޓްކުރަމުން ދިޔަ ފިލްމްގެ ރަހަ މިރޭ އޮލިމްޕަސް ސިނަމާއިން ބަލާލެވޭނެއެވެ.

މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީޤް ޕްރޮޑިއުސްކުރާ މި ފިލްމްގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ފިލްމްގެ ސްކްރީން ޕްލޭ ތައްޔާރުކުރީ އައިޝަތު ފުއާދު ތައުފީޤް އާއި އަހުމަދު ތޮލާލެވެ. މި ފިލްމުން ފެނިގެންދާނެ ތަރިންގެ ތެރޭގައި ޖުމައްޔިލް ނިމާލް، މަރިޔަމް އައްޒަ، ނުޒުހަތު ޝުއައިބް (ނުޒޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަލީ ޝަޒްލީމް، ޝީލާ ނަޖީބް، ސުނީ، އަދި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެއެވެ.

ފިލްމް "މާމުއި" ގެ ޓްރެއިލާ އާންމުކޮށްފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ފިލްމްގެ އެއް އެކްޓަރު އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ފިލްމްގައި ނަމަ "ހުދުމުހްތާރު" ޕްރައިވެޓް ޖެޓަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބާ މަންޒަރަށެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓަކީ ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ތަފާތު ގިނަ ފިލްމްތަކެއް ގެނެސްދީފައިވާ ޕްރޮޑަކްޝަން ހައުސެކެވެ. ޑާކްރެއިން އިން ގެނެސްދިން ކާމިޔާބު ކޮމެޑީ ފިލްމްތަކުގެ ތެރޭގައި "ވާށޭ މަށާއެކީ" އަދި "މީ ލޯތްބަކީ" ހިމެނެއެވެ.