މުމްބާއީއަށް ގެނެސްފައިވާ އޮކްސިޖަން ކޮންސެންޓްރޭޓާތައް - ފޮޓޯ ޒީޝާން ސިއްދީގު އިންސްޓަގްރާމް

ސަލްމާން ޚާން އޮކްސިޖަން ކޮންސެންޓްރޭޓާ ފޯރުކޮށްދެނީ

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިންޑިއާގައި އޮކްސިޖަން ކޮންސެންޓްރޭޓާއަށް ބޭނުންޖެހިފައިވާ މީހުންނަށް، އެތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ސިޔާސީ ފަރާތްތަކަކާއި ގުޅިގެން އެކްޓަރު ސަލްމާން ޚާން ފަށައިފިއެވެ.

ސަލްމާން ޚާނަށް މިކަމުގައި އެހީތެރިވެދެނީ އިންޑިއާގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބާބާ ސިއްދީގު އާއި ޒީޝާން ސިއްދީގުއެވެ.

އެ ތިން މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްގައި ވަނީ މުމްބާއީއަށް ގެނެސްފައިވާ އޮކްސިޖަން ކޮންސެންޓްރޭޓާގެ ފޮޓޯތައް އާންމުކޮށްފައެވެ. ގެނައުމަށް ހަމަޖެހިފައިވާ 500 އޮކްސިޖަން ކޮންސެންޓްރޭޓާގެ ތެރެއިން ބައެއް ތަކެތި މިހާރު ވަނީ މުމްބާއީއަށް ގެނެސްފައެވެ.

ސަލްމާން ޚާންގެ އިތުރުން ބާބާ އަދި ޒީޝާންގެ ސޯޝަލް މީޑިއާ އެކައުންޓްގައި ކުރި ޕޯސްޓްގައި ވަނީ ކޮވިޑްއަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން އިމަޖެންސީ ހާލަތުގައި އޮކްސިޖަން ކޮންސެންޓްރޭޓާ ބޭނުންވާ މީހުން އެކަން އެންގުމުން، އެތަކެތި ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. ޕޯސްޓްގައި ގުޅޭނެ ނަންބަރެއްވެސް ލިޔެފައިވެއެވެ.

އޮކްސިޖަން ކޮންސެންޓްރޭޓާގެ ބޭނުން ނިމުމުން، އެ ރައްދުކޮށްދިނުމަށްވެސް އެ މީހުން ވަނީ އެދިފައެވެ.