ކިއާރާ އަދްވާނީ-

ނަން ބަދަލުކުރަން ސަލްމާން އެދުނު: ކިއާރާ

ނަން ބަދަލުކުރުމަށް ސަލްމާން ހާން އެދުނު ކަމަށް ކިއާރާ އާލިއާ އަދްވާނީ ބުނެފިއެވެ.

ވޫޓްސް ފީޓް އަޕް ވިތު ދަ ސްޓާސް ސީޒަން 2 ގެ އެޕިސޯޑެއްގައި، ކިއާރާ ބުނި ގޮތުގައި އޭނާގެ ނަން ބަދަލުކުރުމަށް ސަލްމާން ހާން އެދުނީ އާލިއާ ބަޓްގެ ސަބަބުން ކަމަށެވެ.

"އާލިއާ އަކީ އަހަރެންގެ ފުރަތަމަ ނަން. ނަން ބަދަލުކުރުމަށް ސަލްމާން ހާން އެދުނީ އާލިއާ ބަޓްގެ ސަބަބުން. ސަބަބަކީ އެއް ނަމެއް ކިޔާ ދެ ފަންނާނުން ބޮލީވުޑްގައި އުޅޭތީ" ކިއާރާ ބުންޏެވެ.

 

"ކިއާރާ" އަކީ އަމިއްލައަށް އިހުތިޔާރު ކުރި ނަމެއް ކަމަށާއި މައިންބަފައިންވެސް މިހާރު މުހާތަބުކުރަނީ އެނަމުން ކަމަށް ކިއާރާ އަދްވާނީ ބުންޏެވެ.

ކިއާރާ ފިލްމީ ދާއިރާއަށް ނުކުމެފައިވަނީ 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ފަގްލީ" އިންނެވެ. ކިއާރާ ވަނީ 2016 ވަނަ އަހަރު ރިލީޒްކުރި ފިލްމް "އެމްއެސް ދޯނީ" ގައިވެސް މަސައްކަތްކޮށްފައެވެ. އޭގެ އިތުރުން ފިލްމް "ލަސްޓް ސްޓޯރީސް" އާއި "ކަލަންކް" އިންވެސް ކިއާރާ ފެނިގެންގޮސްފައިވެއެވެ.