"ވެނޮމް" ސީކުއެލް ޑައިރެކްޓްކުރަން އެންޑީ އާއި މަޝްވަރާކޮށްފި

މިދިޔަ އަހަރު ރިލީޒްކުރި ބްލޮކްބަސްޓާ ފިލްމް "ވެނޮމް" ގެ ސީކުއެލްގެ ޑައިރެކްޝަނާއި ގުޅޭ ގޮތުން އެކްޓަރު އަދި ޑައިރެކްޓަރު އެންޑީ ސާކިސް، ސޮނީ ޕިކްޗާސް ރިލީޒިންގްއާ މަޝްވަރާކޮށްފިއެވެ. ސޮނީ ޕިކްޗާސް ރިލީޒިންގް އަކީ ފިލްމް "ވެނޮމް" ގެ ޑިސްޓްރިބިއުޓާއެވެ.

ފިލްމް "ވެނޮމް" ގެ ދެވަނަ ބައި އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު އެ ފިލްމަށް އަދި ޑައިރެކްޓަރެއް ހަމަޖައްސާފައިނުވެއެވެ.

މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "ވެނޮމް" ގެ ޑައިރެކްޓަރަކީ ރުބެން ފްލެއިޝާއެވެ. ނަމަވެސް ފްލެއިޝާ މިހާރު އުޅެނީ "ޒޮމްބީލޭންޑް: ޑަބަލް ޓެޕް" ގެ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތުގައި ކަމަށްވާތީ "ވެނޮމް" ގެ ދެވަނަ ބައި ޑައިރެކްޓް ނުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފިލްމް "ވެނޮމް" ގެ ދެވަނަ ބައިގެ ޑައިރެކްޓްކުރުމަށް އެންޑީ ސާކިސްގެ އިތުރުން ޓްރެވިސް ނައިޓް އާއި ރުޕާޓް ވަޔަޓް އާ ވާހަކަ ދައްކަމުން އަންނަ ކަމަށް ހޮލީވުޑްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސީކުއެލް ފިލްމުންވެސް ލީޑް ރޯލުން ފެނިގެންދާނީ ޓޮމް ހާޑީ ކަމަށް ބެލެވޭ ކަމަށް ހޮލީވުޑްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.