"މޭޑް އިން ޗައިނާ" ވެސް ލީކްކޮށްލައިފި

ހުކުރު ދުވަހު ރިލީޒްކުރި ފިލްމް "މޭޑް އިން ޗައިނާ" ލީކްކޮށްލައިފިއެވެ. ރާޖްކުމާރް ރާއޯ އާއި މޯނީ ރޯއީ ލީޑް ރޯލު ކުޅެފައިވާ މި ފިލްމް ލީކްކޮށްލާފައިވަނީ، ބޮލީވުޑްގެ ގިނަ ފިލްމްތަކެއް މީގެ ކުރިންވެސް ލީކްކޮށްލި ޓެމިލްރޮކާސް އިންނެވެ.

ބޮލީވުޑްގެ ފަހުގެ ގިނަ ފިލްމްތައް ރިލީޒްކުރާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި، ޓެމިލްރޮކާސް އިން ވަނީ ޓެމިލްރޮކާސްގެ ވެބްސައިޓުން ފިލްމް ޑައުންލޯޑްކުރެވޭ ގޮތަށް ފިލްމް ލީކްކޮށްލާފައެވެ.

ފިލްމް "މޭޑް އިން ޗައިނާ" ގައި ރާޖްކުމާރް ރާއޯ ކުޅެފައިވަނީ ގުޖްރާތުގެ ވިޔަފާރިވެރިއެއްގެ ރޯލެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ބޮމަން އިރާނީ އާއި ޕަރޭޝް ރަވަލް އަދި ގަޖްރަޖް ރާއޯ ހިމެނެއެވެ.

ބޮލީވުޑްގެ ފިލްމް ކްރިޓީކުންގެ ފަރާތުން މި ފިލްމަށް މިހާތަނަށް ލިބިފައިވަނީ އެވަރެޖް އަށްވުރެ ދަށް ރިވިއުއެކެވެ. ރާޖްކުމާރް އާއެކު މިއަށްވުރެ ރަނގަޅު ފިލްމެއް އުފެއްދޭނެ ކަމަށް ބައެއް ކްރިޓީކުން ބުނެފައިވެއެވެ.